20 Dec 2016, 21:27
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އެކުންފުނީގެ މުވައްޒަފުންގެ ކުރިއެރުވުމަށް ޚާއްސަ ޓްރެއިނިންގް ސެންޓަރެއް އަންނަ އަހަރުގެ ތެރޭގައި ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވެއްޖެ އެވެ.
މިއަދަކީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 52 ވަނަ އަހަރީ ދުވަހެވެ.
އެސްޓީއޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޓަކައި މިއަދު ހެނދުނު، އެކުންފުނީގެ ހެޑް އޮފީހުގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ޚާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ.
އެ އެސެމްބްލީގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު، މިދިޔަ 52 އަހަރުގައި އެސްޓީއޯ އިން ރާއްޖޭގައި އިގްތިސާދީ، އިޖްތިމާޢީ އުމްރާނީ އަދި މާއްދީ ތަރައްގީ އަށް ގިނަ، އަގުހުރި މަސައްކަތްތައް ކޮށްދީފައިވާކަން ފާހަގަ ކުރެއްވި އެވެ.
ޝަހީރު ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި، އިތުބާރު ހިފޭ މުދަލާއި ޚިދުމަތްތަކެއް، އެކަށީގެންވާ ލުއި އަގުތަކެއްގައި ފޯރުކޮށްދިނުމަކީ އެސްޓީއޯގެ މައިގަނޑު މަގްސަދު ކަމަށެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ، ކަސްޓަމާ އޮރިއެންޓެޑް ތަނަކަށް ހެދުމަށް ކުރިޔަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މުވައްޒަފުންގެ ކުރިއެރުވުމަށް ޓަކައި މުވައްޒަފުންގެ ޓްރެއިނިންގް ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ.
މިއަހަރުގެ ތެރޭގައި، ސަރުކާރުގެ މަސްވެރިކަމާ ބެހޭ ކުންފުނި މިފްކޯ ވަނީ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި، އެކުންފުނީގެ ދަށަށް ބަދަލު ކޮށްފަ އެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެސްޓީއޯގެ ފައިދާ ވަނީ 248 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.