މުޅި ރާއްޖެ އަށް 4ޖީ ނެޓްވޯކް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ އާބާދީގެ 55 ޕަސެންޓު މީހުންނަށް އެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސެއްގައި އެކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، އުރީދޫގެ ސަބްމެރިން ކޭބަލް އަޅަމުން އަންނަ ވަރަކަށް، އެ ސަރަހައްދު ތަކަށް 4ޖީ ދޫކުރަމުން އަންނަ ކަމަށެވެ.

"މިއަދާ ހަމައަށް އައި އިރު، އަޅުގަނޑުމެންނަށް މާލެ ސަރަހައްދު ފިޔަވައި އިތުރު 40 ރަށަކަށް 4ޖީ ހިދުމަތް ދެވިއްޖެ،" ނިޔާޡް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ރިސޯޓުތައް ވެސް ހިމެނޭ އިރު، މިހާރު އާބާދީގެ 55 ޕަސެންޓު ރަށްތަކަށް 4ޖީ ނެޓްވޯކް ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވިމަ އެ ސަރަހައްދުތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު 4ޖީ ހައި ސްޕީޑް އިންޓަނެޓް ބޭނުން ކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ އިން މިއަދު ޕޯސްޓްޕެއިޑް ް ތައާރަފް ކޮށްފައި ވާއިރު، އެ ޕެކޭޖްތައް ވެސް އުރީދޫގެ ހަލުވި 4ޖީ ނެޓްވޯކުގައި ބޭނުން ކުރެވޭނެ އެވެ. އަދި މި މަހުގެ ނިޔަލަށް އުރީދޫ 4ޖީ ނެޓްވޯކަށް އަޕްގްރޭޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ދެ ޖީބީ ހިލޭ ޑޭޓާ ވެސް ލިބޭނެ އެވެ.

އުރީދޫ އިން ބުނީ އަންނަ ޖެނުއަރީ މަހުގެ 15 އަށް، ސަބްމެރިން ކޭބަލްގެ މަސައްކަތްތައް އެއްކޮށް ނިމި، މުޅި ރާއްޖެއަށް ފޯޖީ ޕްލަސްގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އުރީދޫގެ ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ޑިޖިޓަލް ގައުމަކަށް ރާއްޖެ ބަދަލުކުރުމުގައި އުރީދޫން ދެމުންގެންދާ އެއްބާރުލުމުގެ ތެރެއިން އެ ކުންފުނީގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އިފްތިތާހް ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އުރީދޫން އަޅާ ސަބްމެރިން ކޭބަލަކީ 1200 ކިލޯމީޓަރު ދިގު ކޭބަލެކެވެ.