ޕެރިސް (ޑިސެމްބަރު 20): އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވެރިޔާ ކްރިސްޓީން ލަގާޑީ ފްރާންސްގެ ފިނޭނެސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އިހުމާލުވިކަން ކޯޓެއްގައި ސާބިތުވެއްޖެ އެވެ.

ލަގާޑީއާ ދެކޮޅަށް ފްރާންސުގެ ކޯޓް އޮފް ޖަސްޓިސް އޮފް ދި ރިޕަބްލިކް (ސީޖޭއާރު) އިން ބެލި މައްސަލައަކީ 2008 ވަނަ އަހަރު އެގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ ބާނާޑް ޓަޕީ ދައުލަތުގެ ބޭންކަކާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި، ޓަފީއާ އެއްކޮޅަށް މައްސަލަ ނިމުމުން ދައުލަތުގެ ފަންޑުން އޭނާއަށް 429 މިލިއަން ޑޮލަރު ދޭން ހުއްދަ ދިން މައްސަލައިގަ އެވެ.

އެމައްސަލައާ ގުޅިގެން ލަގާޑީގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމް ނުވަތަ 15،000 ޑޮލަރުގެ ޖޫރިމަނާ ކުރެވެން އޮތް ނަމަވެސް ކޯޓުން ވަނީ އެމައްސަލަ ދިމާވި އަހަރު ދުނިޔޭގެ އިގުތިސާދު އޮތް ހާލަތަށް ވިސްނަން ޖެހޭ ކަމަށާއި ލަގާޑީގެ ލީޑާޝިޕާ މެދު އިތުބާރު އޮތް ކަމަށް ބުނެ އޭނާއަށް އަދަބު ނުދޭން ނިންމާފަ އެވެ.

ސީޖޭއާރަކީ ވަކީލުންނަށް ވުރެ ގިނައިން ސިޔާސީ ފަރާތްތައް ހިމެނޭ ކޯޓެކެވެ. އެކޯޓުން އާއްމުކޮށް ބަލަނީ ކެބިނެޓު މިނިސްޓަރުންގެ މައްސަލަތަކެވެ. އަދި މީގެ ކުރިން 1999 ވަނަ އަހަރު ވެސް ސީޖޭއާރުން ވަނީ އިހުމާލުވުމުގެ ކުށް ސާބިތުވި މިނިސްޓަރަކަށް އަދަބު ނުދިނުމަށް ނިންމާފަ އެވެ.

މިވަގުތު އެމެރިކާގައި ހުންނެވި ލަގާޑީ ވަނީ އޭނާ ބޭނުން ވަނީ އޭނާއާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށާއި އެހެންކަމުން މައްސަލަ އިސްތިއުނާފު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)