ކާބޯތަކެތީގެ ސާފުތާހިރުކަން ހުރި މިންވަރު ބަލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން ހުއްދަދީފައިވާ މުއްދަތު ހަމަވެގެން ހާބަރުގެ ކަޑައެއް ބަންދުކޮށް ސާފު ތާހިރުކަން ކުޑަވެގެން "ހޮޓެލް ޕެރަމައުންޓް" ވެސް މިއަދު ތަޅު އަޅުވައިފި އެވެ.

އެ އޮތޯރިޓީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ބަންދުކުރި ހާބަރުން މިއަދު ބަންދުކުރީ "ފުޑް ލޭންޑް" ކަމަށައި އެތަން ބަންދުކުރީ ފާސްކުރި އިރު އެ ކެފޭއަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައި އޮތުމުން ކަމަށެވެ. އަދި ޕެރަމައުންޓްގައި ތަޅު އެޅުވީ އެ އޮތޯރިޓީގެ މިންގަނޑަށް ފެތޭވަރަށްވުރެ ދަށްކޮށް އެތަނުގެ ތެރޭގެ ސާފުތާހިރުކަން ހުރެގެން ކަމަށެވެ.

ސާފުތާހިރުކަން ކުޑަވެގެން މި މަހުގެ ނުވަ ވަނަ ދުވަހު ބަންދުކޮށްފައިވާ "މަލާފަތް- ދޭއްކާއި" މިދިޔަ ބުދަ ދުވަހު ބަންދުކުރި "މަރިޔަމް ކެފޭ" އަލުން ހުޅުވުމުގެ ހުއްދަ އެމްއެފްޑީއޭ އިން މިއަދު ވަނީ ދީފަ އެވެ. އެ އޮތޯރިޓީން މާލޭގައި ކުރިއަށްގެންދާ ޙާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 177 ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ތެރެއިން ސާފުތާހިރުކަން ކުޑަވެގެން މިހާތަނަށް 17 ތަނެއް ބަންދުކޮށްފައިވާއިރު އޭގެތެރެއިން ނުވަ ތަނަކަށް ވަނީ އަލުން ހުޅުވުމުގެ ހުއްދަދީފަ އެވެ.