ދިމިޝްގު (ޑިސެމްބަރު 20) : ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދިޔަ ރަށް ކަމަށްވާ ހަލަބްގައިވާ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ސޫރިޔާ ސިފައިން މިއަދު ވަންނާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ހަލަބްގައި ފައިހަރުކޮށްލައިގެންތިބި ހުޅަނގުގެ މަދަދުލިބޭ ހަނގުރާމަވެރިން އެމީހުންގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކުން ނުކުތުމަށް އެއްބަސްވެފައި ވަނީ އެމީހުންގެ އަނބިދަރިންނާއި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން އަމާންކަމާއެކު ހަލަބުން ބޭރުވެ ނިމުމުންނެވެ.

ސޫރިޔާގެ ރަސްމީ މީޑިޔާ ބުނާ ގޮތުން ހަލަބް އިން ބޭރުވާންޖެހޭ އެތަށް ހާސްބައެއްގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން މިހާރު ވަނީ ހަލްބުން ބޭރުކޮށް އަމާން ސަރަހައްދުތަކަށް ގެންދެވިފައެވެ. އަދި ބާކީ ތިބި މީހުން މިރޭގެ ވަގުތެއްގައި ގެންގޮސް ނިމޭނެކަމުގަ އެވެ. މިއާއެކު ސޫރިޔާ ސިފައިންގެ ލަޝްކަރުތައް ހަލަބްގެ ހުރިހާ ސަރަހައްދުތަކެއްގައި ރުކުރުވާލެވޭނެއެވެ.

ހަލަބްގައި ފައިހަރުކޮށްލައިގެންތިބި ހުޅަނގާއި ތުރުކީއާއި ގަލްފުގެ ގައުމުތަކުގެ މަދަދުލިބޭ އިދިކޮޅު ހަނގުރާމަވެރިންނާ އަދި އާންމުން އަމާންކަމާ އެކު އެރަށުން ފޭބުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވަގުތީ ގޮތުން ޙަމަލާތައް ހުއްޓާލުމަށް ސޫރިޔާ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ރަޝިޔާއިން އެއްބަސްވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއެއްބަސްވުމާއެކު ގާތްގަނޑަކަށް 35 ހާސް އާންމުން ވަނީ ބަސްތަކުގައި ހަލަބުން ބޭރުކޮށް ހަލަބް އާ 6 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދަކަށް ގެންގޮސްފައެވެ.

ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި އިދިކޮޅު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާ އަދި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް އަމާންކަމާ އެކު ހަލަބުން ބޭރުވުމުގެ ފުރްސަތު ދިނުމަށް އެދި ސޫރިޔާގެ އިދިކޮޅު ލީޑަރުން ރަޝިޔާއަށް އިލްތިމާސް ކުރަންފެށީ ހަލްބަގެ ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިން ބަލިވެ އިނދަޖެހޭގޮތް ވުމުންނެވެ. ރަޝިޔާގެ ގަދަ ފަދަ ވައިގެ ޙަމަލާތަކާއެކު ހަލަބްގެ 80 އިންސައްތަ ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުން ހުޅަނގާއި ތުރުކީއާއި ގަތަރާއި ސައޫދީ ގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންވަނީ އަމާންދޭން ތައްޔާރަށް ތިބިކަން ހާމަކޮށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި ރަޝިޔާއާއެކު ސޮއިކޮށްފައެވެ. މިކަމުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވީ ތުރުކީގެ ރައީސް އުރުދުޣާން އެވެ.

ރަޝިޔާއާއި ސޫރިޔާ އިން އިދިކޮޅު ހަނގުރާމަވެރިންގެ ސަރަހައްދުތަކަށް ތިންހަފްތާވަންދެން ދިން ގަދަފަދަ ވައިގެ ޙަމަލާތަކުގައި އެތަށް ހާސްބަޔަކު މަރުވިކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މިގޮތަށް ހަދަންޖެހުނީ ހަލަބްގެ ހަނގުރާމަ އެތަށް އަހަރެއްވަންދެން ދިގުލައިގެން ދިޔުމުން ލިބޭނެ ދިގުމުއްދަތުގެ ގެއްލުމަށްވުރެ ވަރުގަދަ ހަމަލާތަކެއްދީގެން އަމާންދިނުމަށް އިދިކޮޅު ހަނގުރާމަވެރިންނަށް މަޖްބޫރުކުރުމުން ލިބޭނެ ގެއްލުން މާބޮޑަށްވެސް ކުޑަވާނެތީ ކަމަށް ރަޝިޔާއާއި ސޫރިޔާ ސަރުކާރުން ބުނެއެވެ. ތުރުކީވެސްވެސް ވަނީ މިކަން ގަބޫލުކޮށްފައެވެ.

ރަޝިޔާގެ ގަދަފަދަ ވައިގެ ޙަމަލާތަކާއެކު ހަނގުރާމަވެރިންނަށް އޮތީ ދެގޮތެކެވެ. އެއީ ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މަރުވެ ފަނާވެ ދިޔުމެވެ. ނޫނީ ހަލަބުން ފާބައިގެން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސޫރިޔާގެ އެހެން ސަހައްދަކަށް އަނބިދަރިންނާ އަދި އާންމުންނާއެކު ދިޔުމެވެ. މިދެގޮތުންކުރެ ހަނގުރާމަވެރިން އިޚްތިޔާރު ކުރީ ހަތިޔާރުތައް ދޫކޮށްލުމަށްފަހު ހަލަބުން ފާބައިގެން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ (ހަލަބުން ބޭރުގެ) އެހެން ސަރަހައްދަށް ދިޔުމަށެވެ. އެންމަފަހުން މިކަން ނިމިގެން މިދަނީ އެގޮތަށެވެ. މިއާއެކު ހަލަބްގައި ހިނގަމުންދިޔަ ގަދަފަދަ ހަނގުރާމަ މިވަނީ ހުއްޓިފައެވެ. އަދި ސޫރިޔާ ސަރުކާރުންވަނީ ހަލަބް މިނިވަން ކުރެވި އެރަށް އަލުން އަނބުރައި ސޫރިޔާގެ ދައުލަތުގެ ސިޔާދަތުގެ ދަށަށް ގެނެވިފައިވާކަން މިދިޔަ ހޮނިހިރު ދުވަހު އިޢްލާންކޮށްފައެވެ.

ހުޅަނގާއި ތުރުކީއާއި ގަތަރާއި ސައޫދީ ގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ފައްސަތޭކައަށްވުރެ ގިނަ ޖަމާއަތްތައް ހިމެނެއެވެ. މީގެތެރެއިން ގިނަ ޖަމާއަތްތަކަކީ ބައްޝާރު ވެރިކަމުން ދުރުކުރުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރުވެސް ދީނުގެ ނަމުގައި އެއްޖަމާއަތް އަނެއްޖަމާއަތާ ދެކޮޅަށް ތަޅާފޮޅަމުންދާ ވާދަވެރި ޖަމާއަތްތަކެކެވެ. އެހެންކަމުން ބައްޝާރުގެ ވެރިކަން ވައްޓާލެވުނު ނަމަވެސް މިޖަމާއަތްތައް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ވެރިކަމުގެ ދަހިވެތިކަމުގައި ތަޅާފޮޅަމުންގެންދާނެއެވެ.

ލީބިޔާގައިވެސް ވެފައިވަނީ މިގޮތެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރީ މަދު ޖަމާއަތްތަކެކެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރިއިރު އެޖަމާއަތްތައް ކޮންމެވެސް ވަރަކަށް އެއްގަލަކަށްއެރިއެވެ. ނަމަވެސް ގައްޒާފީގެ ވެރިކަން ވައްޓާލެވުމާއެކު އެޖަމާއަތްތައް ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ތަޅާފޮޅަން ފަށާފައެވެ. ނަތީޖާއަކީ ލީބިޔާގައި ތިން ސަރުކާރު އުފެދި ރައްޔިތުން ކުރިޔަށްވުރެ ބޮޑަށް ހާލުގައިޖެހި ފޭލްވެފައިވާ ގައުމަކަށް ލީބިޔާ ބަދަލުވެގެން ދިޔުމެވެ. (ރޮއިޓާސް)