އުރީދޫ ނެޓްވޯކް އާ އަލަށް ގުޅޭ ކަސްޓަމަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވައިބަރ ހިލޭ ބޭނުން ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން ތައާރަފު ކޮށްފި އެވެ.

އުރީދޫ އިން މިއަދު ތައާރަފް ކުރި ހާއްސަ ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށް އޮތް ހަމަސް ދުވަހު މުޅިން ހިލޭ ވައިބަރ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ ބޭފުޅުންނާއި އެކު ޗެޓްކޮށް، ސްޓިކަރ ފޮނުވައި، ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރެވޭނެއެވެ.

އުރީދޫގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ އެ ޕްރޮމޯޝަނަކީ އުރީދޫ އަށް ނަންބަރު ބަދަލު ކުރާ ކަސްޓަމަރުން ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެހެންކަމުން އުރީދޫ އާ އަލަށް ގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކަށް ނަންބަރު ބަދަލު ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އުރީދޫ އިން ވަނީ މީގެ ކުރިން ވައިބަރ އާއި ގުޅިގެން، ވައިބަރ އަށް ހާއްސަ ކުރެވިފައިވާ ޗެޓް ޕެކް ތަކެއް ވެސް ތަޢާރަފްކޮށްފައެވެ. ވައިބަރ މޮބައިލް އެޕް މެދުވެރިކޮށް ވަރަށް ހެޔޮ އަގެއްގައި ގާތްތިމާގެ ބޭފުޅުންނާއި މުއާމަލާތުކޮށް ގުޅުންބަދަހިކުރުމަށް މަގުފަހިކޮށްދޭ މި ވައިބަރ ޕެކްތަކުގެ ތެރޭގައި ހިމެނެނީ، އެއް ދުވަހަށް ހާއްސަ "ވައިބަރ5" ޕެކްއަކާއި، ފަސް ދުވަހަށް ބޭނުންކުރެވޭ "ވައިބަރ11" ޕެކްއެކެވެ. މީގެ ތެރެއިން "ވައިބަރ5" ޕެކް ޙިޔާރު ކުރެއްވުމުން، ވައިބަރ އެޕްގައި 30 އެމްބީގެ އެލަވަންސްއެއް، އެންމެ 5 ރުފިޔާ އަށް ލިބިވަޑައިގަންނަވާނެއެވެ. ހަމައެއާއިއެކު 11 ރުފިޔާގެ "ވައިބަރ11" ޕެކް މެދުވެރިކޮށް، ވައިބަރ ބޭނުންކުރެއްވުމަށް 80 އެމްބީގެ ޑޭޓާ އެލަވަންސްއެއް ލިބިވަޑައިގަންނަވާނެއެވެ.

ހަމަ އެއާއެކު އުރީދޫ އިން ވަނީ ވައިބަރ މެދުވެރިކޮށް ދިވެހި ސްޓިކާ ފޮނުވޭ ގޮތް ވެސް ހަދައިފަ އެވެ.

އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުން ހިތްހަމަޖެހޭނެފަދަ އައު އަދި އުފެއްދުންތެރި ޕްރޮޑަކްޓްތަކާއި، ޙިދުމަތްތަކާއި ޕްރޮމޯޝަންތައް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ހަޔާތައް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށެވެ.