ރާއްޖެ ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހިންގަމުން އަންނަ ކެމްޕެއިނުގެ ދަށުން، 15 ގައުމެއްގެ ބަސް ހިމެނޭގޮތަށް ވިޒިޓް މޯލްޑިވްސްގެވެބްސައިޓްއިފްތިތާހުކޮށްފި އެވެ.

މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެބްސައިޓްރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

އެމްއެމްޕީއާރުސީން "ވިޒިޓް މޯލްޑިވްސް" އަށް އަލަށް އުފެއްދި ވެބްސައިޓްގައި ޓޫރިޒަމަށް މަޝްހޫރު 15 ގައުމެއްގައި ވާހަކަ ދައްކާ ބަސް ހިމެނެ އެވެ. އެހެންކަމުން އެއިން ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް އެ ގައުމެއްގެ އަމިއްލަ ބަހުން ލިޔެފައިވާ، ރާއްޖޭގެ މައުލޫމާތުތައް އެމްއެމްޕީއާރުސީގެ ވެބްސައިޓުން ފެންނާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިޝް މުހައްމަދު ވިދާޅުވީ، އަލަށް އިފްތިތާހުކުރި ވެބްސައިޓުގެ ސަބަބުން ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމަށް ފަހިމަގެއް ލިބިގެންދާނެ ކަމަށެވެ.

ހާރިޝް ވިދާޅުވީ ހަމައެކަނި ފެއާތަކުގައި ބައިވެރިވުމުގެ ބަދަލުގައި، އޮންލައިންކޮށް ވެސް މާކެޓިންގެ ގިނަ ހަރަކާތްތަކެއް ހިންގިއްޖެނަމަ ފަތުރުވެރިން އަންނަ އަދަދު ވެސް އިތުރުވާނެ ކަމަށެވެ.

އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޕްރޮމޯޝަނަށް ކުރަންޖެހޭ ހަރަދު ވީހާވެސް ކުޑަކޮށް ކުރުމަށް އަންނަ އަހަރަށް ޓާގެޓްކޮށްފައިވާ ކަމަށެވެ.

"ފެއާއަށް ދިއުމަށްވުރެ މިހާރު މާކެޓިން މި އޮންނަނީ ޑިޖިޓަލްކޮށް. އޮންލައިންކޮށް. އެހެންވީމަ މިއަދު ލޯންޗްކުރި ވެބްސައިޓުގެ ސަބަބުން ވެސް ރާއްޖެ މާކެޓް ކުރުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އަންނަ އަހަރުގެ ކުރީކޮޅުގައި ވެސް ހަތަރު ގައުމެއްގެ ފެއާތަކުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.