މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) ގެ ހަތަރު ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މުހިންމު އިލްތިމާސްތަކެއް ކުރައްވައިފި އެވެ.

އެ ޕާޓީގެ އަހަރީ ދުވަހާ ގުޅިގެން ސިޔާމް މިއަދު ނެރުއްވި ތަހުނިޔާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސިޔާސީ ހަޔާތުގެ އާ އަހަރަކަށް އެމްޑީއޭ ކުރިމަތިލާ އިރު ސިޔާސީ ހަތުރުންނާއި މިތުރުންނަށް ކޮށްލަން ބޭނުން އިލްތިމާސްތަކެއް ހުރި ކަމަށެވެ.

އެގޮތުން ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކުގެ ސަބަބުން އިސްލާމީ މުހިންމު ޙަޟާރަތްތައް ހުރި އިސްލާމީ ގައުމުތައް ސުންނާފަތިވެ އެ ގައުމުތަކުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއްގެ ލެއިން އެގައުމުތަކުގެ މަގުތަކުގައި ކޯރު ހެދެމުން ދާދިއުމާ މެދު ފުންކޮށް ވިސްނާލުމަށް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"އެފަދަ ސިޔާސީ ފަސާދަވެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މި މިނިވަން ސަމާހަތްތެރި ގުޅުންތައް އެ ދަރަޖައަށް ނުދާނެ ކަމުގެ ޔަގީންކަން ފަހެ އޮތީ ކޮން ބަޔަކަށް ތޯއެވެ.؟" ސިޔާމް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ސިޔާސީ ގޮތުން އެއްވެސް ކަމެއް ހާސިލް ކުރުމުގައި އިމެއް ނެތި އެއްވެސް ކަމެއް ހާސިލް ކުރުމަށް ނުވިސްނުމަށާއި، ވަކި ހައްގުތަކެއް ނެތިގެން ކަމަށް ބުނެ އަޑު އުފުލާ ގައުމުގެ މަގުތަކުގެ އަމާންކަން ނަގާ ނުލުމަށް ސިޔާމް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ހަމަ އެއާއެކު ގާނޫނު އަސާސީ އާއި ގާނޫނު ތަކުގެ އިމުން އެއްފަރާތްވެ، ގައުމުގެ ތަރައްގީ އާއި ގައުމިއްޔަތުގެ ޝުހުރަތު ނަގާލަން އެއްވެސް މަސައްކަތް ނުކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

"ސިޔާސީ ޕާޓީތަކަކީ ގައުމުގެ ރައްޔިތުން ނަފުރަތުގެ ނަޒަރުން ދެކޭ ހިތް ނުވާ، ރައްޔިތުން ލޯބިވާ އެއްޗަކަށް ހެދޭތޯ އެންމެން ގުޅިގެން މަސައްކަތް ފައްޓަމާތޯ އެވެ. ޕާޓީ ތަކުގެ މަސްލަހަތަށް ވުރެ ދީނާއި، ގައުމާއި، ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ ބަޔަކަށް ސިޔާސީ ޕާޓީތައް ހަދަމާތޯ އެވެ." ސިޔާމްގެ އިލްތިމާސްގައި ވެ އެވެ.

ސިޔާމް ވިދާޅުވީ އެ މަގުން ގުޅިގެން، ސާބިތު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، ރާއްޖޭގެ ސިޔާސީ ވެށީގެ ކުރިމަގު އުޖާލާވެ ގައުމުގެ ފާގަތިކަން ދުވަހުން ދުވަހަށް އިތުރުވެގެން ދާނެ ކަމަށެވެ.

އެމްޑީއޭގެ ސިޔާސީ ހަޔާތުގެ ކުރު މުއްދަތުގައި ހޯދާފައިވާ ކާމިޔާބީ ތަކަށް އަލިއަޅުވާލައި ސިޔާމް ވިދާޅުވީ، އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެހެން އެއްވެސް ސިޔާސީ ޕާޓީ އަކުން ހޯދާފައި ނުވާހާ ގިނަ ކާމިޔާބީ ތަކެއް އެމްޑީއޭ އިން ހޯދާފައިވާ ކަމަށެވެ.

އެގޮތުން ހަތަރު ބައި އިލެކްޝަނެއްގައި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީއޭ ކުރި ހޯދާފައިވާ ކަމާއި، 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީ އިން 71 ގޮނޑި ކާމިޔާބު ކޮށްފައި ވުމާއި، މަޖިލިސް އިންތިހާބުގައި ފަސް ދާއިރާ އެއްގެ ގޮނޑި ކާމިޔާބު ކުރެވުމުގެ އިތުރުން، ރިޔާސީ އިންތިހާބު ގައި ވެސް ޕީޕީއެމް އާއެކު ކޯލިޝަން ހަދާ، ޕީޕީއެމް އިން އެ އިންތިހާބު ކާމިޔާބު ކުރުން ހިމެނެ އެވެ.

ސިޔާމް ވިދާޅުވީ ޕާޓީގެ ޅަފަތުގައި އެހާބޮޑު ކާމިޔާބީތަކެއް ހޯދުމުގެ ސިއްރަކީ ސިޔާސީ ގޮތުން ކަންކަމުގައި އެ ޕާޓީ އިން ގެންގުޅޭ މެދުމިން އުސޫލުތައް ކަމަށެވެ.

"ކަންކަމުގައި ހަމަ ގަބޫލުކޮށް، އިންސާފުގެ ތަރާދުން ސިޔާސީ ކަންކަމުގައި ކަންކަން މިނެކިރަން މި ޕާޓީ އިން ވިސްނާ ކަމެވެ. ސިޔާސީ ވެށި ކިލަނބު ނުކޮށް ގައުމުގެ ހަމަޖެހުމާއި ތަމައްދުނާއި ތަހުޒީބަށް ވިސްނުން ބަހައްޓާ ކަމެވެ." ބަޔާނުގައި ވިދާޅުވެފައިވެ އެވެ.