19 Jun 2011, 17:50
ފުވައްމުލަކާއި އައްޑޫ ސިޓީގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓްގައި ބޭނުން ކުރާ ޝިއާރަކަށް "ބިލްޑިން ބްރިޖަސް" ހަމަޖައްސައި ފޮރިން މިނިސްޓްރީން އެކަން މިއަދު އިއުލާން ކޮށްފި އެވެ.
ރާއްޖޭގައި ބާއްވާ ސާކް ސަމިޓާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓާ އިރުޝާދާ އަބްދުއް ސައްތާރު ވިދާޅުވީ، މިފަހަރުގެ ސަމިޓްގައި ބޭނުން ކުރާނެ ޝިއާރަކީ""ބިލްޑިން ބްރިޖަސް" މި ޝިއާރު ކަމަށެވެ. އަދި ވިދާޅުވީ މިދިއަ ހަފުތާގެ ތެރޭގައި މިނަން ފާސްކޮށްފައި ވަނީ، ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.
އިރުޝާދާ ވިދާޅުވީ، ސާކް ސަމިޓާ ބެހޭގޮތުން ނޫސްވެެރިންނަށް ސިލްސިލާ ގޮތެއްގައި މައުލޫމާތު ދޭނެ ކަމަށާއި ސަމިޓާ ބެހޭ ގޮތުން މަހަކު ދެ ފަހަރު ނޫސްވެރިންނާ ހިއްސާކުރާން ވެސް ނިންމާފައިވާ ކަމަށެވެ.
ސަމިޓްގެ ތައްޔާރީތަކާ ބެހޭ ގޮތުން ވެސް އިރުޝާދާ މައުލޫމާތު ދެއްވެވި އެވެ. ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގައި ސަމިޓަށް ތައްޔާރުކުރާ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މަސައްކަތުގެ ބޮޑުބައެއް މިހާރު ވެސް ނިމިފައިވާ ކަމަށެވެ.
ތިންސަތޭކަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ސާކްސަމިޓްގެ ޖަލްސާ ބޭއްވުމަށް އައްޑުގައި ގާއިމްކުރާ އެ ސެންޓަރަކީ ދެ ކުނު އޭޝިއާގައި ގާއިމުކުރާ އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު ކޮންވެންޝަން ސެންޓަރަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.