20 Dec 2016, 15:17
ކިޑްނީ ބަދަލު ކުރުމަށް ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު އިންޑިއާގެ ޚާރިޖީ ވަޒީރާ ސުޝްމާ ސްވަރާޖް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ދިއްލީ ގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި ސުޝްމާގެ ކިޑްނީ ބަދަލު ކުރުމަށް އޮޕަރޭޝަން ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ކިޑްނީ އަށް ފަރުވާ ހޯއްދެވުމަށް އެކަމަނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި އެކަމަނާ އަށް ކިޑްނީ އެއް ހަދިޔާ ކޮށްފައި ވަނީ ހެޔޮ އެދޭ ފަރާތަކުންނެވެ. އާއިލާ މެމްބަރެއްގެ ކިޑްނީ ސުޝްމާ އާއި ނުގުޅޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.
ކިޑްނި ބަދަލު ކުރުމަށް ކުރި އޮޕަރޭޝަނަށް ހަ ގަޑިއިރު ހޭދަވި އިރު، އޮޕަރޭޝަން ކޮށްފައި ވަނީ 50 ޑޮކްޓަރުންގެ ޓީމަކުން ކަމަށްވެ އެވެ.
ސުޝްމާގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އޮފިޝަލުން ބުނެފައި ސުޝްމާ ގެއަށް ބަދަލުކޮށްފައި ވަނީ ގޭގައި ފަރުވާ ދެވޭ ވަރަށް ހާލުކޮޅު ރަނގަޅު ވުމުން ކަމަށެވެ. އަދި މިހާރު ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ އެންމެ ފަހުން ހެދި ޓެސްޓުތަކުން ވެސް ސުޝްމާގެ ކިޑްނީ މަސައްކަތް ކުރުމުގައި މައްސަލައެއް އުޅޭ ކަން ފާހަގަވެފައި ނުވާ ކަމަށެވެ.
ގެއަށް ބަދަލު ކުރުމަށް ފަހު ވެސް، ކުރިއަށް އޮތް މަހެއްހާ ދުވަހު، ސުޝްމާގެ ހާލުކޮޅު ކޮންމެ ދުވަހަކު ވެސް މޮނިޓަރ ކުރާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އިންފެކްޝަންތަކުން ސަލާމަތް ވުމަށް ޓަކައި، ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު، ސުޝްމާ އަށް ޒިޔާރަތް ކުރުމާއި، އެކަމަނާ ގިނަ މީހުންނާ ބައްދަލުކުރުން ޑޮކްޓަރުން ވަނީ މަނާކޮށްފަ އެވެ.
އުމުރުން 64 އަހަރުގެ ސުޝްމާ އަންނަނީ ހަކުރު ބައްޔަށް ވެސް ފަރުވާ ކުރައްވަމުންނެވެ. އަދި މިދިޔަ އޭޕްރީލް މަހު، ނިއުމޯނިއާ އަށް ފަރުވާ ކުރެއްވުމަށް ވެސް އެކަމަނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.