ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމަށް މެލޭޝިޔާގެ ނެކްސްބިޒާ އެކު މޯލްޑިވްސް އިމިގްރޭޝަނުން ސޮއިކުރި އެއްބަސްވުން އުވާލާފައިވާތީ އެ ކުންފުންޏަށް ދިވެހި ސަރުކާރުން 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގައިފިއެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ސަން އަށް ވިދާޅުވީ ސިންގަޕޫޜު އާބިޓްރޭޝަނުން އެގޮތަށް ނިންމީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.

އޭނާ ވިދާޅުވީ އާބިޓްރޭޝަނުން ނިންމި ނިންމުން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެއަށްފަހު އަމަލުކުރާނެ ވަކިގޮތެއް ނިންމާނެ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ނެކްސް ބިޒާ ހަވާލުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގެއް ހިންގާފައެވެ. އެ ތަހުގީގަށްފަހު ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.