ޖަރުމަނުގެ ވެރިރަށް ބާލިންގެ ކްރިސްމަސް މާކެޓެއްގައި ލޮރީއަކުން ޖައްސައި 12 މީހަކު މަރައިލި ހާދިސާއާ ގުޅިގެން ފްރާންސްގެ ކްރިސްމަސް މާކެޓްތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ބްރޫނޯ ލޮރޫ ވިދާޅުވީ، ޖަރުމަނުގެ ކްރިސްމަސް ބާޒާރަށް ދިން ހަމަލާއާ ގުޅިގެން ފްރާންސްގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

ހޯމަ ދުވަހު ޖަރުމަނުގެ ކްރިސްމަސް ބާޒާރަކަށް ދިން ހަމަލާއަކީ، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ފްރާންސްގެ ނީސްގެ ބީޗެއްގައި ހަވާއަރުވާ މަންޒަރު ބަލަން އެއްވެ ތިބި ބައެއްގެ ތެރެއަށް ލޮރީއެއް ވައްދާލައިގެން ދިން ހަމަލާ ފަދަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެކެވެ. ފްރާންސްގައި ދިން އެ ހަމަލާގައި 19 މީހަކު މަރުވި އެވެ.

ފްރާންސްގެ ރައީސް ފޮންސުއާ އޮލާންދު ވިދާޅުވީ، ޖަރުމަނާއި މުޅި ޔޫރަޕަށް ކުރިމަތިވި މި ހާދިސާގެ ހިތާމައިގައި ފްރާންސްގެ ރައްޔިތުން ވެސް ބައިވެރިވާ ކަމަށެވެ.

ޑިސެމްބަރު 19 ވަނަ ދުވަހު ޖަރުމަނުގެ ބާލިންގެ ކްރިސްމަސް ބާޒާރަކަށް، ލޮރީއެއް ބޭނުުންކޮށްގެން ދިން ނުރައްކާތެރި ހަމަލާގައި 12 މީހަކުވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓަސް

ހަނގުރާމަވެރީންގެ ބަޔަކު ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ނީސްގެ އިތުރުން ވެރިރަށް ޕެރިހަށް ވެސް ސިލްސިލާ ހަމަލާތަކެއްދީ 86 މީހުން މަރާލައިފަ އެވެ.

ކްރިސްމަހަކީ ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކެވެ.

ކްރިސްމަސް ދުވަހަކީ ޑިސެމްބަރު 25 އެވެ.