20 Dec 2016, 14:04
ޖަކާޓާ ( 20 ޑިސެމްބަރު) -- އިންޑޮނޭޝިޔާގެ ރަށެއްގައި ޗުއްޓީ ހޭދަކުރި އޮސްޓްރޭލިއާގެ ދެ ޓޫރިސްޓަކު، ބައިސްކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި "ކަރުގައި ވަގު" ޖެހި ބޯޑެއް ކަރުގައި އެލުވައިގެން ގަންހިންގުވައިފި އެވެ.
އެންޑީޓީވީ އިން މިއަދު ބުނީ އެ ދެ މީހުންގެ ކަރުގައި އޮތް ވާގަނޑެއްގައި ބޯޑެއް އަޅުވައި އެ ބޯޑުގައި "އަހަރެންނަކީ ވަގެއް ކަމަށާއި އަހަރެން ކުރި ފަދަ ކަމެއް ނުކުރުމަށް" ބުނާ ބޯޑެއް އެ ދެ މީހުންގެ ކަރުގައި އަޅުވައިގެން މަގުތަކުގައި ގަންހިންގުވި ކަމަށެވެ.
އެ ދެ ޓޫރިސްޓުންގެ ނަމެއް އަދި އިތުރު ވަނަވަރެއް އާންމެއް ނުކުރެ އެވެ. ނަމަވެސް އެ މީހުން ބައިސްކަލް ވަގަށް ނެގީ މީގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށާއި އެއީ މަޝްހޫރު ޓޫރިސްޓު މަންޒިލެއް ކަމަށްވާ، އިންޑޮނޭޝިޔާގެ މެދުތެރޭ ރަށެއް ކަމަށްވާ، ގިލި ޓްރެވާނަންގަން އިން ކަމަށް އެ ޓީވީ އިން ބުންޏެވެ.
އެ ވިލެޖުގެ ޗީފާ ހަވާލާދީ ނޫހުން ބުނީ އެ ދެ މީހުން ހޮޓަލުން ބައިސިކަލް ވަގަށް ނެގިކަން ސީސީޓީވީ އަށް އަރާފައިވާ ކަމަށެވެ. އެ މައްސަލަ ރަސްމީ ފަރާތްތަކުގައި ޖެއްސީ ހޮޓަލުގެ މެނޭޖަރެވެ.
"އަހަރުން އެ މީހުންނާ ކުރިމަތިލައި އެ މީހުން އެއްބަސް ކުރުވައި އެ މީހުން މަގުހިންގުވީ އަދި އެ ރަށުން ނުކުތުމަށް މަޖުބޫރު ކުރުވީ،" ހޮޓެލްގެ މެނޭޖަރާ ހަވާލާދީ އޭއެފްޕީ އިން ބުންޏެވެ.
ްއެ ދެމީހުންނަކީ މި އަހަރު އެ ގޮތަށް އެ ރަށުގައި ގަންހިންގުވި ހަމަ އެކަނި ދެ ބިދޭސީންނެވެ. ނަމަވެސް ވައްކަންކޮށްގެން އެ ރަށުގެ މީހުން ކުރިން ވަނީ އެގޮތަށް ގަންހިންގުވައިފަ އެވެ. އެ ރަށުގައި ގާނޫނު ހިންގަ އެވެ. ނަމަވެސް އެ ދެ މީހުންނާ މެދު އެފަދަ ގޮތަކަށް އަމަލުކުރީ ފުލުހުންގެ ތަހުގީގަކަށް ފަހު ކަމެއް ސާފެއް ނުވެ އެވެ.