20 Dec 2016, 14:48
އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
"އެނާޖީ ޕޮލިސީ އެންޑް ސްޓްރެޓަޖީ" އަދި މުޅި ރާއްޖޭގެ ކަރަންޓާ ގުޅޭ މައުލޫމާތު ހިމެނޭ "ލޭންޑް އިލެކްޓްރިސިީ ޑޭޓާ ބުކް" އިފްތިތާހްކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ތެލަށް ކުރާ ހަރަދު ކުޑަކުރެއްވިއްޖެނަމަ އެހެން މަޝްރޫއުތަކަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކަށް ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިިގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުންކަމަށެވެ.
އެ އަމާޒުގެ ދަށުން ކާމިޔާބީތަކެއް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީގައި 1.6 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާއިރު، ފަސް ރަށެއްގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް ހިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ހއ އަތޮޅާއި ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައުފައްދާ ނިޒާމް ގާއިމުކުރުމަށް ޓެންޑާ ހުޅުވާލެވި، އެ މަސައްކަތްތައް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައުފައްދާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ޓެންޑާ ކުރުމުގެ މަސައްކަތްކުރުމާއި ޑޮކިއުމަންޓް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަންއާއެކު ދަނީ ކުރެވެމުން. އަދި އަންނަ އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ބޭނުންވާ ޓެންޑަރިން މަސައްކަތް ފަށާނެ،" މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް މިހާރު ޔަގީންކޮށްދެވިފައިވާ ކަމަށެވެ.
ނަމަވެސް އެކަން އިތުރަށް ހަރުދަނާ ކުރުމަށް ޖެނަރޭޓަރުތަކާއި ރަށްރަށުގައި ހުރި ނެޓުވޯކުތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ސިންކްރޮނައިޒް ޕެނަލް ސިސްޓަމެއް ގާއިމް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަދި އެ ޕްރޮޖެކްޓުގެ ދަށުން ހުރިހާ ކަންކޮޅުތަކެއްގައި ޖެނަރޭޓު ކުރެވޭ ހަކަތައާއި ތެލުގެ ހަރަދުތައް ބެލި، ތެޔޮ ހަރަދު ކުޑަ ކުރުމާއި މެއިންޓޭނަންސް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަކަތަ ބޭނުން ކުރުމުގައި ވީހާވެސް ހަރަދު ކުޑަގޮތަކަށް އެ މަސައްކަތް ކުރާނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ޠާރިޤު ވަނީ އެކަމަށް ހަދަންޖެހޭ ގާނޫން ހެދުމަށްޓަކައި ބިިލެއް ފަރުމާކުރަމުންދާ ކަމަށް މިއަދު ވިދާޅުވެފައެވެ.
އެ ބިލް އަންނަ އަހަރުގެ ފުރަތަމަ ކްއާޓަރުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.