ޑިންގީއެއްގައި ހަރުކޮށްފައި އިން އައުޓްބޯޑު އިންޖީނެއް ގޮވައި، ބަނޑު ކަފައިގެން ދިޔަ ފީވަކު އޯކިޑުމާގޭ، އަބްދުﷲ ފަޒީލް ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ދަތުރުކުރަމުން ދަނިކޮށް އިންޖީނު ގޮވައި، އޭގެ ފްލައިވީލްގޮސް ބަނޑުގައި ޖެހި ބަނޑުކަފައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ފަޒީލްއަށް ވަނީ ލިބިފަ އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް 'ސަން' އަށް ވިދާޅުވީ އިތުރު ފަރުވާތަކެއް ފަޒީލް އަށް ބޭނުންވާ ކަމަށް ޑޮކްޓަރުންގެ ޓީމަށް ގަބޫލު ކުރެވޭތީ އިންޑިއާ އަށް ފޮނުވާލަން ނިންމީ ކަމަށެވެ.

ފަޒީލްގެ އެތެރެހަށީގެ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން މައުސޫމު ފާހަގަކުރެއްވި އެވެ. އެގޮތުން ކިޑްނީ އަދި ބަނޑުގެ އެކި ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރަކާއި ނަރުހަކާ އެއްކޮށް ރޭގެ ވަގުތެއްގައި[ފަޒީލު] ވާނީ އިންޑިއާއަށް ފުރުވާާލާފައި. ފަޒީލްގެ މައިބަދައާއި އެތެރެހައްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވޭ." މައުސޫމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސް ވަނީ ފަޒީލްގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

މިދިއަ ހޮނިހިރު ދުވަހު އެ ހާދިސާ ހިނގާފައި ވަނީ ށ. ފީވަކުން އެ އަތޮޅު ފޯކައިދޫއަށް ޑިންގީއެއްގައި ދަތުރުުކުރަމުން ދަނިކޮށެެވެ.