ކެޓަޕިލާ ފައިނޭންޝަލް ސާވިސާސް އޭޝިޔާ އިން ހެވީލޯޑް މޯލްޑިވްސް އަށް ދޫކޮށްފައިވާ 12،336،000ރ.ގެ ލޯނުގެ ބޮޑު ބައި ދައްކާފައިވާ ކަމުގެ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި އޮތް ނަމަވެސް ކެޓަޕިލާ އިން ހެވީލޯޑަށް އެ ލޯނު ދޫކޮށްފައިނުވާ ކަމަށް ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ މައްސަލައަކީ މީގެ ކުރިން ވެސް ސިވިލް ކޯޓުގައި ހިންގާފައިވާ މައްސަލައެކެވެ. ނަމަވެސް އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދެއްކުމަށް ހެވީލޯޑުން އެއްބަސްވުމުން ކެޓަޕިލާ އިން ވަނީ އެ މައްސަލަ އަނބުރާ އޭރު ގެންގޮސްފަ އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ]ރީކޯ މޫސަ[ގެ ކުންފުނި ހެވީލޯޑުގެ ގާނޫނީ ވަކީލާ މަރިޔަމް ސުނައިނާ ޝަރީއަތުގައި ވިދާޅުވީ ކުންފުންޏެއްގެ މައްޗަށް ދައުވާއެއް ކުރެވޭނީ އެ މައްސަލައަކާ އެ ކުންފުންޏާ އެއްވެސް ގުޅުމެއްވާ ނަމަ ކަމަށެވެ. ކެޓަޕިލާ އިން ހެވީލޯޑަށް ލޯނެއް ދޫކޮށްފައިނުވާއިރު ލޯނުގެ ފައިސާ އަނބުރާ ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެދިވަޑައިގަތީ ޝަރީއަތުން އެ ދައުވާ ކުރިއަށް ގެންދެވިދާނެ ކަމާ މެދު ގޮތެއް ނިންމަވައި ދެއްވުމަށެވެ.

ކެޓަޕިލާގެ ގާނޫނީ ވަކީލު އިދްހާމް މުއިއްޒު އަދުނާން ވިދާޅުވީ ހެވީލޯޑުން އެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ހެވީލޯޑްގެ އެއް ޑިރެކްޓަރު ރީކޯ މޫސަ ސޮއި ކުރައްވާފައިވާ ލޯން އެއްބަސްވުމެއްގެ ކޮޕީ މީގެ ކުރިން ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ދޮގު ހެދުމުގައި ވެސް ވަކި މިންވަރެއް އޮންނާނެ. ކޮންމެވެސް ވަރެއްގެ ހުދޫދެއްގެ ތެރޭގައި ދޮގު ހަދަންޏާ ދޮގު ހަދަންވާނީ ވެސް. އަޅުގަނޑު ވަރަށް ހިތާމަ ކުރަން މިކަމާ،" ތަޖުރިބާކާރު ވަކީލު ވިދާޅުވި އެވެ.

ޝަރީއަތުގައި އެހެން ވިދާޅުވުމަށް ފަހު އިދްހާމް ވަނީ އެ ލޯނުގެ ބައެއް ފައިސާ ހެވީލޯޑުން ދައްކާފައިވާ ކަމުގެ ލިޔުންތައް ވެސް ޝަރީއަތަށް ދައްކާލައިފަ އެވެ. އަދި ވިދާޅުވީ ދެން އަންނަ ދުވަހަކަށް ސީދާ ލޯނު ދޫކުރި ކަމުގެ ޑޮކިއުމެންޓް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ހެވީލޯޑުގެ ޖަވާބަކީ ކެޓަޕިލާ އިން ލޯނު ފައިސާ ދޫނުކުރާ ކަންތޯ އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ޖަމީލް މޫސާ ވެސް ސުވާލު ކުރެއްވި އެވެ. ހެވީލޯޑުގެ ޖަވާބަކަށްވީ ލޯނު ފައިސާ ހަމަ އެއްގޮތަކަށް ވެސް ދޫނުކުރާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމާލެއްވީ ލޯނު ދޫކުރި ކަމުގެ ލިޔުންތައް ހުށަހެޅުއްވުމަށް ކެޓަޕިލާއަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.
އެ މައްސަލައިގައި ކެޓަޕިލާއިން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ހެވީލޯޑުން ދެ އުޅަނދެއް ގަތުމަށްޓަކައި ސެޕްޓެމްބަރު 26، 2007 ގައި 800،000 ޑޮލަރު ]12،336،000ރ.[ ގެ ލޯނު އެގްރީމެންޓެއްގައި ސޮއިކޮށް އެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އިން މިހާތަނަށް ވެސް ބައެއް ފައިސާ ދައްކާފައިނުވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ. އެހެންކަމުން މިހާތަނަށް ދައްކާފައިވާ ނުވާ 256،803 ޑޮލަރު ]3،959،902ރ.[ އެއްފަހަރާ ހޯދުމަށް އެ ދައުވާގައި އެދިފައިވެ އެވެ.

މީގެ އިތުރުން އެހެން ލޯނެއްގެ މައްސަލައިގައި ސީދާ ރީކޯ މޫސަގެ މައްޗަށް ވެސް ކެޓަޕިލާ އިން ދައުވާ ކުރެ އެވެ. އެ މައްސަލައިގައި ވެސް މޫސަގެ ފަރާތުން ބުނެފައި ވަނީ އެއީ މޫސަ ދައްކަވަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އެ ދައުވާގައި ބުނެފައި ވަނީ ފެބްރުއަރީ 19، 2007 ގައި ހެވީލޯޑް މޯލްޑިވްސްއާ ވެފައިވާ ޑޮލަރު ލޯނު އެއްބަސްވުމެއްގެ ދަށުން 700،000 ޑޮލަރު ]10،794،000ރ.[ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ލޯނަށް ގެރެންޓީ ދީފައި ވަނީ މޫސަ ކަމުގައި ވެސް އެ ދައުވާގައި ބުނެފައިވެ އެވެ. އެހެންކަމުން ހެވީލޯޑުން މިހާތަނަށް ދައްކާފައިނުވާ 189،446 ޑޮލަރު ]2،921،257ރ.[ މޫސަގެ ފަރާތުން ހޯދުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.