ކާރިސާތަކާ ގުޅިގެން، ހިންގުމުގެ ދާއިރާއިން ކުރާނެ މަސައްކަތްތައް ދުރާލައި ކަނޑައެޅުމުގެ ގޮތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ފަސް އަހަރު ދުވަހުގެ ގައުމީ ޕްލޭނެއް އެކުލަވައިލުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެބައްދަލުވުން ބަނޑޮސް އައިލެންޑް ރިސޯޓުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ.

އެ ބައްދަލުވުމުގައި ގައުމީ ޑިޒާސްޓާ މެނޭޖްމެންޓް ޕްލޭނެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރާއިރު، އެ ޕްލޭން އެކުލަވައިލުމަށް އެހީތެރިކަން ފޯރުކޮށްދެނީ ޔޫއެންގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (އެސްކޭޕް) އެވެ. އެބައްދަލުވުމުގައި ކަމާބެހޭ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ، ކާރިސާތަކުން ގެއްލުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލައި ފިޔަވަޅުތަކެއް އަޅައިފިނަމަ ފަހުން ދިމާވާ ކާރިސާއަކުން ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރާނެ ގޮތުގެ އާ ޕްލޭނެއް އެކުލަވައިލުމަށް މަޝްވަރާކުރަން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ ---

ތަސްނީމް ވިދާޅުވީ، ގައުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ގަައުމީ ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމަކީ ކާރިސާގެ ކަންކަން ހިންގުމުގެ ދާއިރާގައި ކުރިމަގު ބައްޓަންކޮށް ގައުމީ ފެންވަރުގައި އެއްވިސްނުމެއްގައި މަސައްކަތް ކުރުން ކަމަށެވެ.

ތަސްނީމްގެ ވާހަކަފުޅުގައި ކާރިސާތަކާ ގުޅޭގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވައިލެވުނު ޕްލޭނަކީ ރާއްޖޭގެ އޭރުގެ ހާލަތަށާއި ސުނާމީއިން އިއާދަވުމަށް ވަރަށް ބޮޑަށް އަލި އަޅުވާލެވިފައިވާ ޕްލޭނެއް ކަމަށާއި، މިހާރު އެކުލަވާލުމަށް ފަށާފައިވާ އައު ޕްލޭން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމައި އެ އަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޑިސާސްޓާ މެނޭޖްމަންޓް ޕްލޭނެއް އެކުލަވައިލާފައިވަނީ 2005 ވަނަ އަހަރުގައެވެ.