މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސާޑިއޯ މާނޭ ކާމިޔާބުކޮށްދިން ގޯލުން 1-0ގެ ނަތީޖާ އަކުން އެވަޓަން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލް ކުޅުނު 17 މެޗުން 37 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް އިރު ލިވަޕޫލަށްވުރެ އެއްޕޮއިންޓް މަދުން ލިބި ތިން ވަނައިގައި އޮތީ މެންޗަސްޓާ ސިޓީއެވެ. ރޭގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ 33 ޕޮއިންޓާއި އެކު ފަސް ވަނައިގައެވެ. 43 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ޗެލްސީއެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ ގިނަވަގުތު ބޯޅަ ގެންގުޅެ، ލަނޑުޖަހާނެ ހުސްފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިވަޕޫލުން ފޮނުވާލި ހަމަލާތަކުގެ ހުރުހަކަށްވީ އެވަޓަންގެ ގޯލު ކީޕަރު މާޓިން ސްޓެކެލެންބާގްއެވެ.

އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވި މެޗު ނިމެން ދަނިކޮށް ލިވަޕޫލަށް ލީޑް ލިބުނު ގޯލު މާނޭ ކާމިޔާބުކޮށްދިނީ ޑެނިއަލް ސްޓަރިޖް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން ގޯލަށް ވައްދާލައިގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މުޅި މެޗަށް ބަލާއިރު ލިވަޕޫލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކޭ ނުބުނެވޭނެ ކަމަށާއި ނަމަވެސް ފުރަތަމަ ހާފަށް ވުރެން ފަހު ހާފުގައި ފެނުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.