ފެންބޮޑުވުމުން ސަލާމަތްވާނެ ނިޒާމު އަންނަ އަހަރު ތެރޭގައި 80 ރަށެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރާނެ ގޮތުގެ އައު ޕްލޭނެއް އެކުލަވާލުމަށް ކުރިއަށްދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން 30 ރަށެއްގައި ފެން ބޮޑުވުމުން ސަލާމަތްވުމަށް ބޭނުންވާނެ ޕަންޕާއި އެނޫންވެސް ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް ފެންބޮޑުވުން ފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު މަޝްރޫއުތަކެއް ހިންގާނެ ކަމަށާއި، އެގޮތުން 80 ރަށެއްގައި 3.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެންބޮޑުވުމުން ސަލާމަތްވެވޭނެ ނިޒާމު ގާއިމް ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް އަންނަ އަަހަރު ފަށާ އެ އަހަރުތެރޭގައި ނިންމާލާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަންކަން ކުރެވިގެން މިދަނީ ސަރުކާރުން ވަރަށް ބޮޑަށް ޑިޒާސްޓާ ރިސްކް ރިޑަކްޝަނަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ދުރާލާ ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރާނެ ގޮތުގެ އާ ޕްލޭނެއް އެކުލަވައިލުމަށް މަޝްވަރާކުރަން މިއަދު ފެށި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިނިސްޓަރުގެ ވާހަކަފުޅުގައި މިދިޔަ އަހަރާއި މިއަހަރު ހިނގައިދިޔަ ފެންބޮޑުވުމުގެ ހާދިސާތަކުން ލިބުނު ގެއްލުން ފޫބައްދަން ބޮޑު ހަރަދެއްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ފަހުކޮޅު އައްޑު އަތޮޅަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާގައިވެސް ވަރަށް ގިނަ ބަޔަކަށް ގެއްލުންވެގެން ދިޔަ ކަމަށާއި، އައްޑުއަތޮޅަށް އެކަނިވެސް ލިބުނު ގެއްލުންތައް ފޫބައްދަން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މާލޭގެ މަޖީދީމަގުގައި ހަރުކުރަން ފެށި ހައިޑްރަންޓް ސިސްޓަމް ވެސް އަންނަ މާޗްގެ ނިޔަލަށް ހަރުކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.