ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން ރާއްޖެއިން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ފުރަތަމަ ޓެކްނިކަލް ކޮމިޓީ އިންޓްރޮޑަކްޓަރީ ސެމިނާ ފެށުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގެ ވާހަކަތައް ދައްކާއިރު، އެ ދާއިރާއިން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން ސާސްކަފްގެ ލަނޑުދަނޑިތަކުގައި އޭޝިއާ ސަރަހައްދުން ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށްއޮތްތާނގައި ދެމެހެއްޓެނިވި ތަރައްގީގެ ހުރިހާ ލަނޑުދަނޑިއަކަށް ވާސިލްވުމަށް ބުރަ މަސައްކަތްތަކެއް ރާއްޖެއިން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ފުރަތަމަ ޓެކްނިކަލް ކޮމިޓީ އިންޓްރޮޑަކްޓަރީ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެމެހެއްޓެނިވި ތަރައްގީގެ ވާހަކަތައް ދައްކާއިރު އަޅުގަނޑުމެންނަށް މި ދާއިރާއިން ލިބިފައި ހުރި ކާމިޔާބީތަކުގެ ވާހަކަ ވެސް ދައްކާލަން އެބަޖެހޭ. އެގޮތުން ސާސްކަފްގެ ލަނޑުދަނޑިތައް މިވަނީ 2015 ވަނަ އަހަރު ނިމިފަ. އެ ލަނޑުދަނޑިތަކުގައި އަޅުގަނޑުމެންގެ ރާއްޖެމިވަނީ ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ ގައުމަކަށް ވެފައި. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް އަޅުގަނޑުމެން ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނަން،" މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ އޭޝިއާ ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް އެންމެގިނައިން ހާސިލްކުރެވޭ ގައުމަކަށް ރާއްޖެވުން ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއަދު ފެށި ސެމިނާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީ ކޮބައިކަން ބައިވެރިންނަށް އަންގައިދިނުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކޮމެޓީގެ މެންބަރުންނަށް ހިއްސާކުރުން ހިމެނޭ ކަމަށެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނުން ފަށައިގެން އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެ ސެމިނާރެކެވެ. އެ ސެމިނާގައި ސަރުކާރުގެ އިދާރާތަކާއި ޔޫއެން އެޖެންސީތަކުގެ ފަންނީ ބޭފުޅުންގެ ބައިވެރިވެ އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ފުރަތަމަ ޓެކްނިކަލް ކޮމިޓީ އިންޓްރޮޑަކްޓަރީ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ، އެ ބައްދަލުވުމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ކުރެވޭނެ ކަންތައްތަކާއި އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް އަދި އެ މަސައްކަތްތައް ފަންނީ ގޮތުންނާއި އިލްމީގޮތުން ވަޒަންކޮށް ކުރިއަށްދާނެ ގޮތް ބެލުމަށްޓަކައި ގެންގުޅޭ އުސޫލުތައް ކަނޑައެޅުމައްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބައްދަލުވުމެއް ކަމަށެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ފާސްކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު، އދ ގެ އާންމު މަޖިލީހުންނެވެ. އެގޮތުން ޖުމްލަ 17 ލަނޑުދަނޑިއަކާއި 169 ޓާގެޓެއް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން 2030 ވަނަ އަހަރަށް ފަގީރުކަން ނައްތާލުމާއި އިންސާފާއި ހަމަހަމަކަން ގާއިމްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެތިބުމަށް ފިޔަވަޅު އެޅުމަކީ އޭގެތެރޭގައި ހިމެނޭ ކަންކަމެވެ.