20 Dec 2016, 12:14
ބޮލީވުޑްގެ ކާމިޔާބު ޖޯޑު ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާން އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
މުމްބާއީގައި ހުންނަ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ކަރީނާ ވިހާފައި ވަނީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު އެވެ.
ކަރީނާ އަދި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް ޚަބަރުތައް ބުނެ އެވެ.
ސައިފް އާއި ކަރީނާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމީހުންގެ ދަރިފުޅަށް ދީފައިވާ ނަމަކީ ތައިމުރް އަލީ ޚާން ޕަތޯދީ ކަމަށެވެ.
އަދި ފާއިތުވި ނުވަ މަސް ދުވަހުގެ މީޑިއާގެ ފަރާތުން ބެހެއްޓި ގާތް ކަމާއި އެއްބާރުލުމަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ބޮލީވުޑްގެ ގިނަ ފަންނާނުން އަންނަނީ ކަރީނާ އަދި ސައިފަށް މަރުހަބާ ކިޔަމުންނެވެ.
އެއީ ކަރީނާގެ ފުރަތަމަ ދަރިފުޅު ނަމަވެސް، ސައިފްގެ ތިން ވަނަ ދަރިފުޅެވެ. ސައިފްގެ ކުރީގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ. އެއީ ސާރާ އަލީ ޚާން (23) އާއި އިބްރާހިމް އަލީ ޚާން (15) އެވެ.
ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.