ރަޝިއާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދްރޭ ކާލޯވް އަވަހާރަކޮށްލި ހާދިސާ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި އިއްޔެ އޮތް އެގްޒިބިޝަނެއްގައި ކާލޯވްގެ ހަށިކޮޅަށް ބަޑި ޖަހައި އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާއަށް ފޮނުވި ހަމްދަރުދީގެ މެސެޖެއްގައި ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

ކާލޯވް އަވަހާރަކޮށްލީ ތުރުކީގެ 22 އަހަރުގެ ފުލުހެކެވެ. ކާލޯވް އަވަހާރަކޮށްލި ފަހުން ބަޑި ޖެހި މީހާ އާއި ފުލުހުންނާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކެއްގައި އޭނާ ވަނީ މަރާލައިފަ އެވެ.

ކާލޯވް އަކީ ރަޝިޔާގެ އެންމެ ތަޖްރިބާކާރު އަދި އެންމެ މޮޅު ޑިޕްލޮމޭޓުންގެ ތެރޭގައި ހިމެނޭ ޝަޚްސިއްޔަތެކެވެ. އޭނާ ވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސޫރިޔާ ސަރުކާރު އަލުން ސުލްހައިގެ މޭޒުދޮށަށް ގެނައުމަށް ދާދިފަހުން ވެފައިވާ އެއްބަސްވުމުގައި އިސްދައުރެއް އަދާކުރައްވާފަ އެވެ.

އަދި ސޫރިޔާގެ ހަލަބްގައި ހިނގަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި އާންމުން ހަލަބުން ބޭރުކުރުމަށް ތުރުކީއާއި ރަޝިޔާ އާދެމެދު ހިންގި ޑިޕްލޮމެޓިކް ވަރުގަދަ ޙަރަކާތްތަކުގެ މައި ސޯބަކީ ކާލޯވް އެވެ.