20 Dec 2016, 10:36
މިއަހަރުގެ މިހާތަނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތައް މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ދެ ގުނައާ ގާތްކުރާ އަދަދަކަށް އިތުރުވެއްޖެއެވެ.
މިއަހަރުގެ މިހާތަނަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 1563 މައްސަލައެވެ. މިއީ މިދިޔަ އަހަރު ހުށަހެޅުނު ޖުމްލަ 806 މައްސަލައާ އަޅައިބަލާއިރު، 757 އިތުރު އަދަދެކެވެ.
މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މުޅިން އަލަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެކެވެ. މަދުންނަމަވެސް މިމައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ކުރިން ހުށަހަޅައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައްވެސް ހިމެނެއެވެ. އަދި މީގެ ތެރެއިން ގިނަ މައްސަލަތަަކަކީ މިއަހަރު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ނޫންކަމަށްވެސް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.
މިގޮތުން މިއަހަރު އެންމެ ގިނަ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ ފަހު ތިންމަހުއެވެ. އެގޮތުން އޮކްޓޯބަރު މަހު 241 މައްސަލައަކާއި، ނޮވެމްބަރު މަހު 140 މައްސަލައަކާއި، ޑިސެމްބަރު މަހުގެ މިހާތަނަށް 210 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީގެ ތެރެއިން އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ކޯޓަށް ގަބޫލުކުރެވޭތީ އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލި 163 މައްސަލަ ފިޔަވައި އެހެންހުރިހާ މައްސަލައެއް މިހާރު ވަނީ ކޯޓަށް ބަލައިގަނެފައެވެ.
ކްރިމިނަލް ކޯޓުގައި ދައުވާ ކުރުމުގެ ބާރު ހަމައެކަނި ލިބިގެން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށެވެ.