ޓެކްސް ދެއްކުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ދޮރުން ދޮރަށް ކުރާ ކެމްޕެއިން އެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފި އެވެ.

އަންނަ މަހުގެ 18 އިން ފެށިގެން ވިޔަފާރި ފައިދާއިން ޓެކްސް ނަގަން ފެށުމާ ދިމާކޮށް މިރާއިން އިއްޔެ ފެށި ކެމްޕޭންގައި އެ އޮތޯރިޓީގެ ޓީމުތަކުން ވަނީ މައްޗަން ގޯޅީގައި ހުރި ވިޔަފާރި ކުރާ ތަންތަނާއި ގޭގެއަށް ޒިޔާރަތް ކޮށް ރަޖިސްޓްރީ ނުކޮށް ހުރި ފަރާތްތައް ރަޖިސްޓްރީ ކޮށް ޓެކްސްއާއި ގުޅޭ މައުލޫމާތުތަށް ދީފައިކަމަށް މީރާއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީ ދުވަސްތަކުގަ އާއި އަތޮޅުތަކަށް ވެސް އެ ކެމްޕެއިން ފުޅާ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ބަޔަކަށް މި މައުލޫމާތުތަށް ފޯރޮށްދިނުން،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީރާއިން އަންނަނީ ޓެކްސްއާއި ގުޅޭގޮތުން ހޭލުންތެރިކުރމުގެ ޕްރޮގްރާމްތަކެއް ވިޔަފާރި ވެރިންނާއި ސިޔާސީ ވެރިންނަށް ހާއްސަ ކޮށްގެން ހިންގަމުންނެވެ.