20 Dec 2016, 10:29
ބާލިން (ޑިސެމްބަރު 20): ޖަރުމަނުގެ ވެރިރަށް ބާލިންގެ ކްރިސްމަސް މާކެޓެއްގައި ލޮރީއަކުން ޖައްސައި 12 މީހަކު މަރާލައިފި އެވެ.
ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ތޯމަސް ޑި މައިޒެރީ ވަނީ އެއީ ގަސްތުގައި ދިން ހަމަލާއެއް ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އެހާދިސާގައި 12 މީހަކު މަރުވުމުގެ އިތުރުން 48 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާއާ ގުޅިގެން ލޮރީގެ ޑްރައިވަރު ހައްޔަރު ކޮށްފައިވާ އިރު ހާދިސާ ހިނގި ވަގުތު ލޮރީގައި އިން އިތުރު މީހަކު ވަނީ އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން މަރުވެފަ އެވެ. އެމަރުވި މީހާއަކީ ޕްލެންޑުގެ ރައްޔިތެއް ކަމަށާއި އެ ހާދިސާގައި ބޭނުން ކުރި ލޮރީ އަކީ ޕޮލެންޑުގައި ރެޖިސްޓާ ކޮށްފައިވާ ލޮރީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ޕޮލެންޑުގައި ހުންނަ ލޮރީގެ ވެރިޔާ ވަނީ އެލޮރީއާ އެކު ލޮރީގެ ޑްރައިވަރު އިއްޔެ އިން ފެށިގެން ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.
ބާލިންގެ ފުލުހުން ލަފާ ކުރާ ގޮތުގައި ހަމަލާ ދިން ވަގުތު ލޮރީ ދުއްވަން ހުރީ އެލޮރީ ވަގަށް ނެގި މީހެކެވެ.
ބާލިންގެ ފުލުހުންގެ ތަރުޖަމާނު ވިންފްރައިޑް ވެންޒެލް ވިދާޅުވި ގޮތުގައި ލޮރީގެ ޑްރައިވަރު ހައްޔަރު ކުރީ އެ ހާދިސާ ހިނގި މާރުކޭޓާ ދެ ކިލޯމީޓަރު ދުރުންނެވެ. ފުލުހުން މިހާރު ދަނީ އޭނާއާ ސުވާލު ކުރަމުން ކަމަށް ވެންޒެލް ވިދާޅުވި އެވެ.
ސަލާމަތީ ފަރާތްތަކާ ހަވާލާދީ ޖަރުމަނުގެ ނޫހެއްގައިވާ ގޮތުން ލޮރީ ދުއްވަން އިން މީހާއަކީ ޖަރުމަނުން ހިމާޔަތް ހޯދުމަށް މިދިޔަ ފެބްރުއަރީ މަހު އަފްގާނިސްތާނުން ނޫނީ ޕާކިސްތާނުން އައި މީހެކެވެ.
މިދިޔަ ޖުލައި މަހު ފްރާންސުގެ ނީސްގައި ވެސް އެފަދަ ހަމަލާއެއް ދީފައިވެ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން އެހަމަލާގައި 86 މީހަކު މަރުވި އެވެ. (ބީބީސީ)