ވޮޝިންޓަން(ޑިސެމްބަރު 20): އެމެރިކާގެ އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވިތާ ހަ ހަފްތާ ފަހުން އިއްޔެ ބޭއްވި އިލެކްޓަރުންގެ ވޯޓުގައި ޓްރަމްޕް ވަނީ ރައީސްގެ މަގާމު ރަސްމީ ކުރުމަށް ބޭނުންވާ 270 ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ.

އެ ކާމިޔާބީއާ ގުޅިގެން ޓްރަމްޕް ވަނީ އޭނާއަށް ތާއިދު ކުރި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައި، "އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވާނެ ކަމަށާއި ގައުމު އެއްގަލަކަށް އަރުވަން މަސައްކަތް ކުރައްވާނެ ކަމަށް" ވިދާޅުވެފަ އެވެ.

އިލެކްޓޯރަލް ކޮލެޖުގެ ނަތީޖާ ރަސްމީކޮށް އިއުލާން ކުރާނީ އަންނަ މަހު ހަޔެއްގައި އޮންނަ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ އާއި ތިރީގޭގެ ބައްދަލުވުމެއްގަ އެވެ. އަދި އަންނަ މަހުގެ 20ގައި ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވާނެ އެވެ.

އިލެކްޓްރޯލް ކޮލެޖުގެ ވޯޓު އިއްޔެ ބޭއްވުމުގެ ކުރިން އެމެރިކާގެ އެތައް މިލިއަން މީހުން ވަނީ ޓްރަމްޕަށް ވޯޓު ނުދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ. އަދި އެތައް ހާސް މީހުން ވަނީ ޓްރަމްޕަށް ވޯޓު ނުދިނުމަށް އެދި އެކި ސްޓޭޓުތަކުގެ ވެރިރަށުގައި މުޒާހަރާ ވެސް ކޮށްފަ އެވެ. (ބީބީސީ)