20 Dec 2016, 00:23
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލުގައި އެފްސީ މާފަރު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ނ. އަތޮޅު ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މާފަރުގެ މައްޗަށް ހޮޅުދޫން ކުރި ހޯދާފައި ވަނީ 2-1 ލަނޑުންނެވެ.
އެ މެޗުގެ 15 ވަނަ މިނެޓުގައި ހޮޅުދު އަށް މުހައްމަދު ރިޔާޒް ލީޑު ހޯދައިދިން އިރު، މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް ރިޔާޒެވެ. މާފަރުގެ ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން އިގުބާލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ހޮޅުދޫގެ ދެ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު ރިޔާޒެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލުގައި ހޮޅުދުއާއި މާފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކޮށް، ފައިނަލުގެ ޖާގައެއް ހޯދީ ހޮޅުދޫން ---
މި މަހުގެ 27 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ހޮޅުދޫއާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރުވާނީ މާދަމާ ހަވީރު ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދޫ އެފްސީ އާއި މިލަދޫ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދޫ އެފްސީ އާއި މަނަދޫ އެފްޓީ އެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.