ބިދޭސީންގެ ޑިޕޮސިޓް ފައިސާ އާއި ވިސާ ބަލައިގަތުމާއި ވިސާ ދޫކުރުމުގެ ހިދުމަތް އިމިގްރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސް މިނިސްޓްރީއާ ދެތަނުން ވެސް މިއަދު ދޭން ފެށުމުން ފައިސާ ދައްކަން ޖެހެނީ ކޮން ފަރާތަކަށް ކަމެއް ނޭނގޭ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު "އުނދަގުލަކާ" ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޕްލޯއިމަންޓް އެޖެންސީތަކުންނާއި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ބުނެފި އެވެ.

ބިދޭސީންގެ ޑިޕޮސިޓާއި ވިސާގެ ކަންކަން އިމިގްރޭޝަނުން ކުރަމުންދަނިކޮށް، ހިއުމަން ރިސޯސް އިން އަމިއްލައަށް އެކުލަވާލައި، މި މަހުގެ 15 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ގަވައިދުގެ ދަށުން މިއަދުން ފެށިގެން އެ މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީން ކަމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް، ގާނޫނުގެ ދަށުން އެ މަސައްކަތް ކުރުމުގެ ބާރު ލިބިގެން ވަނީ އިމިގްރޭޝަން ޑިޕާޓްމަންޓަށް ކަމަށް ބުނެ، އެ މަސައްކަތްތައް ހުއްޓާނުލައި އިމިގްރޭޝަނުން ވެސް ކުރިއަށްގެންދަން ނިންމުމުން ދެ އިދާރާގެ މެދުގައި ވަނީ ބޮޑު ދެބަސްވުމެއް އުފެދިފަ އެވެ.

ދެ އިިދާރާގެ މެދުގައި ހިނގަމުންދާ މި ކޯޅުމުގެ ސަބަބުން އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވެފައި ވަނީ އެމްޕްލޯއިމަންޓް އެޖެންސީތަކުންނާއި ބިދޭސީން ގެންގުޅޭ ފަރާތްތަކަށެވެ.

މިއަދު ލޭބާ މިނިސްޓްރީ އަށް ދިޔަ އޭޖެންޓަކު ބުނީ، ޑިޕޮސިޓް ފައިސާ އެތަނަށް ނުދައްކަނީސް ވޯކް ޕާމިޓް ދޫނުކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިމިގްރޭޝަނުން ވަނީ އެ ޑިޕާޓްމަންޓަށް ފައިސާ ނުދައްކައިފި ނަމަ ގެންނަ ބިދޭސީ މީހާ ރާއްޖެ އެތެރެ ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ވާގޮތަކީ އަލަށް ހަދާ ވޯކް ޕާމިޓެއް ނުލިބޭނޭ ޑިޕޮސިޓް ނުދައްކަނީހެއް ލޭބާ އަށް. އިމިގްރޭޝަނުން ބުނަނީ ބިދޭސީ މީހާ އަށް އެތެރެއެއް ނުވެވޭނޭ އެކޮޅަށް ޑިޕޮސިޓް ނުދައްކަނީހެއް. ވާނުވާގައި މިތިބީ. މިގޮތަކަށް މިކަމެއް ކުރިއަކަށް ނުގެންދެވޭނެ. އެހެންނޫނީ ޖެހެނީ މަސައްކަތް ހުއްޓާލައިފައި ތިބެން އަޅުގަނޑުމެން،" އޭނާ ބުންޏެވެ.

ހިއުމަން ރިސޯސް އަށް ވިސާފީ ދައްކަން ދިޔަ އިތުރު މީހަކު ބުނީ، އޭނާ ގޭގައި ގެންގުޅޭ ބިދޭސީ މީހާ އަށް ޑިޕޮސިޓް ފައިސާ ނުދައްކަނީސް ވޯކް ވިސާ ފީ ބަލައިނުގަންނާނެ ކަމަށް ހިއުމަން ރިސޯސް އިން ބުނި ކަމަށެވެ. އެއީ އިމިގްރޭޝަނަށް ދެއްކި ޑިޕޮސިޓް ފައިސާގެ އެއްވެސް ތަފްސީލެއް އެކޮޅުން މިނިސްޓްރީއާ ހަވާލުނުކުރާތީ ކަމަށް ވެސް އެތަނުގެ ކައުންޓަރުގައި އިން ކުއްޖާ ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑުމެންގެ މައްސަލައެއް ނޫންދޯ ދެ އިދާރާގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ. ދެތަނަކަށް ދެން ޑިޕޮސިޓެއް ނުދެއްކޭނެ ނުންތޯ؟ ދެނަތަކަށް ވިސާ ފީއެއްވެސް ނުދެއްކޭނެ ނުންތޯ؟ މިއެއް ނޫން ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ގޮތަކީ. އަޅުގަނޑުމެންނަށް ލިބޭ ކިހާ ބޮޑު ގެއްލުމެއް މިއީ." އެމީހާ ބުންޏެވެ.

މިއަދު ހިއުމަން ރިސޯސް އަށް ހިދުމަތް ހޯދަން ދިޔަ ގިނަ މީހުން އެނބުރި ގެއަށް ދިޔައީ ހިދުމަތް ނުލިބި އެވެ. އެ މިނިސްޓްރީން ވަނީ ޑިޕޮސިޓާއި ވޯކް ވިސާ ދެއްކުމަށް އާ ފޯމެއް އެ ފަރާތްތަކަށް ދޫކޮށްފަ އެވެ.

ނަމަވެސް، އެ ފަރާތްތަކުން ކުރި ޝަކުވާ އާއި އަދި މިހާރު އިމިގްރޭޝަނާ ހިއުމަން ރިސޯސްއާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅޭ ގޮތުން އެތަނުގެ އިސްވެރިޔެއްގެ ބަހެއް ނުލިބުނެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ނަންބަރު ހޯދުމަށް ފަހު ފަހުން ގުޅާނެ ކަމަށް ވިދާޅުވި ނަމަވެސް، އަދި ހަބަރެއް ނުވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ކޮންޓްރޯލާ އަބްދުﷲ ޝާހިދާ ގުޅާލުމުން ވިދާޅުވީ، އިމިގްރޭޝަނުން ގާނޫނާ ހިލާފަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި މިއަދު ކުރަމުންދާ މަސައްކަތަކީ ކުރިން ވެސް އެ އިދާރާއިން ކުރަމުން އައި މަސައްކަތް ކަމަށެވެ. އަދި ހިއުމަން ރިސޯސްއާ ދެތަނުން އެއް މަސައްކަތެއް ކުރާތީ އާއްމުންނަށް އުނދަގޫވާނެކަން ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް، އިމިގްރޭޝަނުގެ ގަވައިދާ ހިލާފަށް ބިދޭސީއަކު އެތެރެކުރުމުގެ ހުއްދައެއް ނުދޭނެ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑް ވަރަށް ކްލިއާ. މިކޮޅުގައި ހަމަޖެހިފައިވާ ގަވައިދާ އެއްގޮތަށް ނޫނީ ރާއްޖެއަކަށް މިހާކު އެތެރެއެއް ނުކުރެވޭނެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

ބިދޭސީންގެ ޑިޕޮސިޓާއި ވިސާގެ ކަންކަން އިމިގްރޭޝަންގެ ދަށަށް 2009 ވަނަ އަހަރު ބަދަލުކުރުމުން އޭރުވެސް މިފަދަ ކޯޅުންގަނޑެއް ލޭބާ އޮތޯރިޓީއާ އިމިގްރޭޝަނާ ދެމެދު ހިނގި އެވެ.

ބިދޭސީން އެތެރެކުރުމާއި އެމީހުންގެ ކަންކަން ބެލެހެއްޓުމުގެ ބެލެނިވެރި މުއައްސަސާ ކަމަށް އިމިގްރޭޝަނާއި ހިއުމަން ރިސޯސް އިން ވެސް ދައުވާކުރާއިރު، ބިދޭސީން ރާއްޖެ އައުމާއި ފުރުމާއި އަދި ފޮނުވާލުމުގެ އުސޫލުތައް ބަޔާންކުރާ އިމިގްރޭޝަން ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އެ ގާނޫނު ހިންގުމާއި، ގަވައިދުތައް ހެދުމާއި އަދި ހިންގުމުގެ މަސައްކަތްކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މުއައްސަސާއަކުން ކަމަށެވެ.