ރަޝިއާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދްރޭ ކާލޯވްގެ ގަޔަށް ބަޑި ޖަހައި އޭނާ މަރާލާފައިވާ ކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ކާލޯވްގެ ގަޔަށް ބަޑި ޖަހާފައި ތުރުކީގެ ވެރިރަށް އަންކާރާގައި މިއަދު ހަވީރު ކުރިއަށް ދިޔަ އެގްޒިބިޝަނެއްގައި އޭނާ ވާހަކަފުޅު ދައްކަން ހުންނަވަނިކޮށެވެ.

ކާލޯވްގެ ގަޔަށް ބަޑި ޖަހާފައި ވަނީ ކޯޓު ފަޓުލޫނުގައި އެގްޒިބިޝަން ކުރިއަށް ދިޔަ އާޓް ގެލެރީ ތެރެއަށް ވަން ޒުވާނެކެވެ. ހަމަލާގެ ވީޑިއޯ ވެސް މިހާރު އާންމު ވެފައި ވާއިރު، އޭނާ ކާލޯވްގެ ގަޔަށް އަށް ވަރަކަށް ފަހަރު ބަޑި ޖަހާފައިވާ ކަމަށް އެތަނުގައި ހުރި އޭޕީގެ ފޮޓޯގްރާފަރާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.

ކާލޯވް އެގްޒިބިޝަންގައި ވާހަކަ ދައްކަވަން ހުންނެވި އިރު، އޭނާ އަށް ހަމަލާ ދިން މީހާ ފަހަތުގައި މަޑުކޮށްލައިގެން --- ފޮޓޯ: އޭޕީ

ސަފީރަށް ހަމަލާދީފައި ވަނީ 22 އަހަރުގެ ފުލުސް އޮފިސަރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކާލޯވް އަށް ބަޑިން ހަމަލާ ދިނުމަށް ފަހު، އޭނާ ވަނީ އެގްޒިބިޝަނުގައި ތިބި މީހުން އެތަނުން ނުކުތުމަށް އަންގައިފަ އެވެ.

ބަޑި ހިފައިގެން ހުރެ، އޭނާ "ﷲ އަކްބަރު" ކިޔާ އަޑު އިވެ އެވެ. އަދި "ހަލަބާއި ސީރިއާގެ މަތިން ހަނދާން ނައްތާނުލުމަށް" ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކާލޯވްގެ ގަޔަށް ބަޑި ޖަހައި އޭނާ ޒަހަމްކޮށްލާފައި -- ފޮޓޯ: އޭޕީ

ތުރުކީގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކާލޯވް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ. އަދި މިހާރު ކާލޯވް އަށް ހަމަލާ ދިން މީހާ ވެސް މަރަލާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކާލޯވް އަށް ހަމަލާ ދިނުމަށް ފަހު، އެގްޒިބިޝަން ކުރިއަށް ދިޔަ ސަރަހައްދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރެވުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

އެ ހަމަނުޖެހުމުގައި ކާލޯވްގެ އިތުރުން އިތުރު ތިން މީހަކު ޒަހަމްވެ، ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. (ގާޑިއަން)