19 Dec 2016, 20:32
ދެހާސް ދިހަ ވަނަ އަހަރާއި ދެހާސް ފަނަރަ ވަނަ އަހަރާ ދެމެދު އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުން ޖަލުތަކުގައި ތިބި ގާތްގަނޑަކަށް 600 މީހުން މަރުވެފައި ވާކަމަށް ހިއުމަން ރައިޓްސް ވޮޗް އިން އާންމު ކުރި ރިޕޯޓެއްގައި ބުނެފި އެވެ.
މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެ މުއްދަތުގައި އިންޑިއާގެ ޖަލުތަކުގައި މަދުވެގެން 591 މީހަކު މަރުވެފައިވާ ކަމަށެވެ.
ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުން މަރުވުމާއި ގުޅިގެން އެއްވެސް ފުލުސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައި ނުވާތީ ހިއުމަން ރައިޓްސް ވޮޗް އިން ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެފަ އެވެ.
"ބައެއް މައްސަލަތަކުގައި ކޯޓުތަކުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކުން ވަނީ އޮފިސަރުންގެ މައްޗަށް ތަހުގީގު ހިންގުމަށް އަމުރުކޮށްފައި. ނަމަވެސް 2010 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު ޖަލުތަކުގައި މީހަކު މަރުވެގެން ހިންގި އެއްވެސް ތަހުގީގެއްގައި ފުލުހުންގެ އޮފިސަރެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގެއް އަދި ޝަރީއަތެއް ވެސް ހިންގާފައިވާ ކަމުގެ މައުލޫމާތެއް ހިއުމަން ރައިޓްސް ވޮޗް އަށް ލިބިފައެއް ނުވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ވަނީ މީހުން ޖަލަށް ލުމާއެކު އެމީހުންނަށް ފުލުހުން އަނިޔާކުރުމަކީ ގިނަ އަދަދެއްގެ މީހުން ޖަލުތަކުގައި މަރުވާން މެދުވެރިވާ ސަބަބެއް ކަމުގައި ފާހަގަކޮށްފަ އެވެ. އަދި އެ މައްސަތައް ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
ޖަލަށް ލެވޭ މީހުންނަށް އަނިޔާ ކުރުމަކީ އިންޑިއާގެ ގާނޫނުތަކުން މަނާ ކުރާ ކަމެއް ނަމަވެސް، ގިނަ މައްސަލަތަކުގައި ބަންދު ކުރެވޭ މީހުން ކުށަށް އިއުތިރާފު ކުރުވުމަށް ނުވަތަ ބަސް ބުނުވުމަށް އެމީހުންނަށް އަނިޔާ ކުރާ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
(އަލްޖަޒީރާ)