19 Jun 2011, 16:56
އެމްޑީޕީގެ އިދާރީ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ ވަގުތީ ޗެއަޕާސަން ރީކޯ މޫސާ މަނިކު ނިންމަވައިފި އެވެ.
އެމްޑީޕީން ބުނީ މިއަދު ހެނދުނު އެ ޕާޓީގެ އިދާރީ މުވައްޒަފުންނާ އެކު ވަގުތީ ޗެއަޕާސަން ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އިދާރީ ހިންގުން ތިން ޑިޕާޓްމަންޓަކަށް ބަދަލުކުރުމަށް މޫސަ ވަނީ ނިންމަވާފައިވާ ކަމަށާއި އެ ގޮތުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނޭ ވަކި ޑިޕާޓްމަންޓެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޕާލަމެންޓްރީ ގްރޫޕާ ގުޅިގެން މަސައްކަތް ކުރާނޭ ވަކި ޑިޕާޓްމަންޓަކާއި އާންމު މެންބަރުންނާ ގުޅިގެން މަސައްކަތްކުރާނޭ ވަކި ޑިޕާޓްމަންޓެއް އުފެއްދެވުމަށް މޫސަ ނިންމަވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ބައްދަލުވުމުގައި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކާއި ޕާޓީގެ ސެކްރެޓޭރިއަޓްއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ މުހިންމު ކަން މޫސަ ފާހަގަކުރައްވާ ކަމަށާއި މުސްތަގުބަލުގައި އަތޮޅުތަކާއި ޕާޓީގެ މައި ސެކްރެޓޭރިއަޓާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނޭ ކަމަށް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ އިދާރީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރައްވަން ޖެހޭ ފަރާތަކީ އެ ޕާޓީގެ ޗެއަޕާސަނެވެ. އަދި ޤައުމީ މަޖިލީހާއި ޤައުމީ ހިންގާ ކޮމިޓީގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒްކުރުމާއި ގައުމީ މަޖިލީހާއި ޤައުމީ ހިންގާ ކޮމިޓީގެ ލަފަޔާ އެކު ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކާ އެކު މުޢާމަލާތްކުރުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ފަރާތަކީ ވެސް ޗެއަޕާސަން އެވެ. ނަމަވެސް ޗެއާޕާސަންގެ މަގާމުގައި ހުންނެވި މާރިޔާ އަހުމަދު ދީދީ އިސްތިއުފާދެއްވުމާ ގުޅިގެން، ޗެއާޕާސަން ނައިބު މުހައްމަދު އިމްތިޔާޒާ އެ މަގާމުގެ މައްސޫލިއްޔަތު ހަވާލުކޮށްފައި ވަނިކޮށް ގައުމީ މަޖިލީހުން ވަނީ ވަގުތީ ޗެއާޕާސަނަކަށް މޫސަ އިސްކުރައްވާފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ގައުމީ މަޖިލީހުން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑީޑީ( ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވަގުތީ ޗެއާޕާސަން ކަމަށް މޫސަ އައްޔަން ކުރެއްވުމުން އަސާސީ ގަވާއިދާ ފުށުއަރާ ކަންތައްތަކެއް ދިމާވާ ކަމަށެވެ.