19 Dec 2016, 18:22
އަންކާރާ (ޑިސެމްބަރު 19): ޓުވިޓާ މެދުވެރިކޮށް ހަލަބުގައި ހިނގަމުންދާ ހަނގުރާމައިގެ ތަޖުރިބާ ހިއްސާ ކުރަމުން ދިޔަ ހަތް އަހަރުގެބަނާ އަލްއާބިދުހަލަބުން ނެރެފި ކަމަށް ތުރުކީގެ އެންޖީއޯއަކުން ބުނެފި އެވެ.
"މިއަދު ހެނދުނު ބަނާ އަލްއާބިދުވެސް ވަނީ އޭނާގެ އާއިލާއާ އެކު ސަލާމަތްކޮށްފަ. އަޅުގަނޑުމެން އެއާއިލާއަށް ހޫނު މަރުހަބާއެއް ކިޔަން،" ހިއުމެނިޓެރިއަން ރިލީފް ފައުންޑޭޝަން (އައިއެޗްއެޗް)ގެ ޓުވީޓެއްގައިވެ އެވެ.
ބަނާގެ ޓުވިޓާ އެކައުންޓުގައި ސުންނާފަތިވެފައިވާ ހަލަބުގެ ފޮޓޯތަކާއި އޭނާގެ އާއިލާއިން ދިރިއުޅޭ ހާލަތު ސިފަކޮށްދީފައިވެ އެވެ. ނަމަވެސް ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ސަރުކާރުން ވަނީ ބަނާ އާއި އޭނާގެ މަންމައަށް ފާޑު ކިޔައި، 327،000 ފޮލޯވަރުން ހިމެނޭ އެޓުވިޓާ އެކައުންޓަކީ ސަރުކާރާ ދެކޮޅު ޕްރޮޕަގަންޑާ ފަތުރާ އެކައުންޓެއް ކަމަށް ބުނެފަ އެވެ.
އައިއެޗްއެޗްގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީގައިވާ ގޮތުން ހުކުރު ދުވަހު ހަލަބުން ނެރުނު ބަނާ އާއި އެނާގެ އާއިލާ ދެން ގެންދާނީ އިދްލިބް ޕްރޮވިންސުގައި ހުންނަ ކޭމްޕުތަކަށެވެ.
އިސްލާމިކް ޖަމްއިއްޔާއެއް ކަމަށްވާ އައިއެޗްއެޗް އިން ދަނީ ހަލަބުގައި ތާށިވެފައިވާ މީހުންނަށް އެހީ ފޯރުކޮށް ދިނުމުގެ އިތުރުން އެސިޓީން މީހުން ނެރެ، އިދްލިބް ޕްރޮވިންސުގައި ހުންނަ ކޭމްޕުތަކަށް މީހުން ބަދަލު ކުރުމުގައި ބޮޑު ދައުރެއް އަދާ ކުރަމުންނެވެ.
ސީރިއާ ސަރުކާރުގެ ފައުޖުތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ހަލަބުން 6،000 ވަރަކަށް މީހުން ނެރެފައިވެ އެވެ. އޭގެ ފަހުން އެމަސައްކަތަށް ހުއްޓުމެއް އައުމަށް ފަހު އަނެއްކާވެސް ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އާއެއްބަސްވުމެއް ހަދައި، ހަލަބުގެ އިތުރު 3000 މީހުން މިއަދު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އޭއެފްޕީ)