19 Dec 2016, 22:15
ރިޔާޒް (ޑިސެމްބަރު 19) : ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި ގެއްލުން ލިބުނު އެމެރިކާގެ ރައްޔިތުން މާލީ ބަދަލު ހޯދުމަށްޓަކައި ސައޫދީ އަރަބިޔާއާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ލިބިދޭ ގާނޫނު (ޖަސްޓާ) އަށް އަމަލުކުރަން ފެށި ނަމަވެސް އެމެރިކާގައިވާ ސައޫދީ އިންވެސްޓްމަންޓްތައް މަދު ނުކުރާނެ ކަމަށް ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.
ސައޫދީއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އާއެކު ރިޔާޒްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އަލްޖުބައިރު ވިދާޅުވީ ސައޫދީން މަސައްކަތް ކުރާނީ އެމެރިކާގައި އިތުރަށް އިންވެސްޓް ކުރުމަށް ކަމަށާއި އިންވެސްޓްމަންޓްތައް މަދުކުރަން ނޫންކަމުގަ އެވެ. މިގޮތުން އެމެރިކާގައި އިތުރަށް އިންވެސްޓް ކުރުމަށްޓަކައި އެމެރިކާގައި މިހާރު ގާއިމްކޮށްފައިވާ ސައޫދީ އިންވެސްޓްމަންޓްތައް އަލުން މުރާޖަޢާ ކުރާނެ ކަމަށްވެސް އަލްޖުބައިރު ވިދާޅުވިއެވެ.
ސައޫދީ ޚާރީޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވީ ޖަސްޓާ ގާނޫނަށް އަމަލުކުރަންފަށައިފިނަމަ އެމެރިކާގައިވާ ސައޫދީ އިންވެސްޓްމަންޓްތައް މަދުކުރަން ނޫނީ އެމެރިކާގައިވާ ސައޫދީ އަރަބިޔާގެ އެސެޓްތައް ތިންވަނަ ފަރާތަކަށް ވިއްކާލަންޖެހިދާނެ ކަމުގެ އިންޒާރު ސައޫދީ މަސްއޫލުވެރިން ކުރިން ދެއްވާފައި ވަނިކޮށެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާތައް ރާވައި ތަންފީޒުކޮށްފައިވަނީ އަލްގާއިދާއިންކަމަށް އެމެރިކާ ބުނިނަމަވެސް މިކަމުގެ ހަގީގީ ހެއްކެތް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ. އަދި އަލްގާއިދާއާ ސިއްރު ގުޅުންތަކެއް ބާއްވާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި ގެއްލުން ލިބުނު އެމެރިކާގެ ރައްޔިތުން މާލީ ބަދަލުހޯދުމަށްޓަކައި ސައޫދީ އަރަބިޔާއާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރްސަތު ލިބިދޭ ގާނޫނު ތަންފީޒުކުރަން ފެށުމަކީ އެމެރިކާގެ ބޭންކްތަކުގައިވާ ސައޫދީ އަރަބިޔާގެ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ފްރީޒްކުރުން ނޫނީ އެފައިސާއަށް އަތްގަދަ ކުރުމުގެ ވިސްނުމެއްގައި އެމެރިކާ އެޅި ފިޔަވަޅެއްކަމަށް ތަޖްރިބާކާރުން ސިފަކުރައްވައެވެ.
ސައޫދީން ޔަމަންގެ އާންމުންނަށް ހަމަލާދީ އާންމުން މަރަމުންގެންދާ މައްސަލައާ ގުޅިގެން ސައޫދީ އަށް ހަތިޔާރު ވިއްކުން މަދުކުރާނެ ކަމަށްބުނެ އެމެރިކާ ދާދިފަހުން ދިން އިންޒާރާބެހޭގޮތުން އަލްޖުބައިރު ވިދާޅުވީ މިފަދަ އިންޒާރެއްގެ ލިޔުމެއް ރަސްމީ ގޮތުން ސައޫދީ ސަރުކާރަށް ލިބިފައިނުވާ ކަމުގައެވެ. އަދި މިވާހަކަތައް އަޑުއެއްސެވީ މީޑިޔާއިން ކަމަށާއި އެއީ ތެދުކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޖަސްޓާ ގާނޫނާބެހޭގޮތުން އަލްޖުބައިރު ވިދާޅުވީ އެ ގާނޫނު ތަންފީޒުކުރުމުން ގެއްލުން ލިބޭނީ ސައޫދީ އަށްވުރެ ބޮޑަށް އެމެރިކާއަށް ކަމަށާ އެކަން އެމެރިކާ ދަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
ޖަސްޓާ ގާނޫނުގެ ދިގު ގޮތަކީ "ޖަސްޓިސް އަގައިންސްޓް ސްޕޮންސާސް އޮފް ޓެރަރިޒަމް" އެވެ. (އަލްޖަޒީރާ)