19 Dec 2016, 16:46
އެމްނެސްޓީ (ޑިސެމްބަރު 19): މިޔަންމާ އަސްކަރިއްޔާއިން ދަނީ އެގައުމުގެ ރޮހިންޔާ މުސްލިމުން މަރައި، އަންހެނުން ރޭޕްކޮށް، އެމީހުންގެ އަވަށްތައް އަންދަމުން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.
އެމްނެސްޓީން ނެރުނުރިޕޯޓެއްގައިވާ ގޮތުން އެޖަމްއިއްޔާއިން ވަނީ އަސްކަރިއްޔާގެ އަނިޔާގެ ޝިކާރައަކަށްވި 35 މީހަކާއި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތްތެރިވާ 20 މީހަކާ ސުވާލުކޮށްފަ އެވެ.
އަދި އަސްކަރިއްޔާއިން ދަނީ ވަކި މީހަކަށް ބެލުމެއް ނެތި އާއްމުން މަރައި، ރޭޕްކޮށް، ހައްޔަރުކޮށް، އަނިޔާކޮށް، އެމީހުންގެ މުދަލަށް ގެއްލުން ދެމުން ކަމަށާއި އެއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ގޮތުގައި ބެލެވިދާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު މިޔަންމާ އަސްކަރިއްޔާއިން މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށި ފަހުން އެސްޓޭޓަށް ނޫސްވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތައް ވަނުން މަނާކޮށްފައި ވުން މަނާ ކުރުމުގެ ސަބަބުން އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުން މަރުވެފައި ވަނީ ކިތައް ރޮހިންޔާ މުސްލިމުންކަން އަދި ޔަގީންވެފައި ނުވެ އެވެ.
ނަމަވެސް އެމްނެސްޓީން ލަފާ ކުރާ ގޮތުގައި މިޔަންމާ އަސްކަރިއްޔާއިން ވަނީ ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަވަށްތަކުގެ ގެތަކާއި، ސްކޫލުތަކާއި، މިސްކިތްތައް ހިމެނޭ ގޮތަށް 1،200 އިމާރާތްތަކުގައި ރޯކޮށްލާފަ އެވެ. އަދި އެއަނިޔާއިން ސަލާމަތްވުމަށް 27،000 ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ބޯޑަރު ހުރަސްކޮށް، ބަންގުލަދޭޝްއަށް ގޮސްފައި ކަމަށް އެމްނެސްޓީން ލަފާ ކުރެ އެވެ.
މީގެ އިތުރުން ބަންގުލަދޭޝްއިން ދަނީ އެގައުމަށްދާ ރޮހިންޔާ މުސްލިމުން އަނބުރާ ފޮނުވާލަމުން ކަމަށްވެސް އެމްނެސްޓީގެ ރިޕޯޓުގައިވެ އެވެ.
ނަމަވެސް މިޔަންމާ އަސްކަރިއްޔާ އާއި އަންގް ސަން ސޫޗީގެ ސަރުކާރުން ވަނީ ރަހީން ސްޓޭޓުގައި ހިންގާ ޖަރީމާތަކުގެ ވާހަކަތައް ދޮގުކޮށް، އެމީހުންގެ އޮޕަރޭޝަނަކީ ޓެރަރިސްޓުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެފަ އެވެ. އަދި ސޫޗީ ވަނީ ބައިނަލްއަގުވާމީ ދުނިޔެއިން އެމައްސަލައަށް ދެމުންދާ ސަމާލުކަމުގެ ސަބަބުން އެގައުމުގެ ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ރުޅިވެރިކަން އިތުރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)