19 Dec 2016, 14:57
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މިއަދު 2:00 ގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަހުމަދު ޝަކީލް ވަނީ އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުއްވުމަށްފަހު އަދަބު ކަނޑައެޅުން އަންނަ ޖެނުއަރީ 24 ވަނަ ދުވަހަށް ފަސްކުރައްވައިފައެވެ.
މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައިއެވެ. މިއަދުގެ އަޑުއެހުން ސިއްރުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.
ވިސާމް އާއި ލީވާންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ 7:45 އެހައިކަންހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ކައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ވިސާމް ފަހަތުން ބައްދާލުމަށް ފަހު ފަހަތަށް ދަމައިގެންފައިވާ ކަމަށެވެ.
އަދި ފުލުހުން ހައްޔަރުކުރަން އުޅުނު މީހާގެ ގައިން ކޯޕްރަލް ޝާހީންގެ އަތް، ލީވާން ނައްޓާލާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.