ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ފަރުހާދު މަގާމުން ވަކިކޮށް އެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު، ގ. އަތަ އައްޔަން ކުރައްވައިފި އެވެ.

އެންއައިސީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އައްޑޫ ސިޓީ މީދޫ ހަސަންކާރީގެ މުޙައްމަދު ފަރުޙާދު މަގާމުން ވަކިކޮށް މިއަދު ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި އެމަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަންކޮށް އެކަންވެސް ރައީސް އޮފީހުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އެންއައިސީގެ މެމްބަރުކަމަށް މާނިއު އަދި ފަރުހާދު ވެސް އައްޔަންކުރައްވާފައި ވަނީ 2015 އޮކްޓޫބަރު މަހު އެވެ. ރައީސް ކަމުގެ މަގާމުންފަރުހާދު ވަކިކުރި ނަމަވެސް މެމްބަރުކަމުން ވަކިނުކުރާ ކަމަށް އިންޓަގްރިޓީ ކޮމިޝަނުން ބުންޏެވެ.

ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގަ އެވެ. އެއީ ފުލުހުންނާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ.

އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.