ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީއާ ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ދަތުރުކުރުމަށް ދެކޮޅު ޓިކެޓު 198 ޑޮލަރަށް ލިބޭ ޚާއްސަ ފެއާއެއް ތައާރަފުކޮށްފިއެވެ.

ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީގެ ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ފެށީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ގަޔާން އެޑިރިސިންހަ ވިދާޅުވީ މިއަދު ތައާރަފުކުރި ފެއާއަކީ، ގަމާއި ކޮލޮމްބޯއާ ދެމެދު ދެކޮޅު ޓިކެޓު އާންމުކޮށް ވިއްކާ އަގަށް ވުރެ އެތައް ގުނައެއް އަގުހެޔޮ ފެއާއެއް ކަމަށެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުކުރުމަށް ދެކޮޅު ޓިކެޓު ސްރީލަންކަންއިން ވިއްކާ އާންމު އަގަކީ 355 ޑޮލަރެވެ. އެ އަގާ އަޅައި ބަލާއިރު މިއަދު ތައާރަފުކުރި ފެއާއަކީ ގާތްގަނޑަކަށް 50 ޕަސަންޓު ހެޔޮ އަގެކެވެ.

ގަޔާން ވިދާޅުވީ، މި ފެއާގެ ދަށުން އަގުހެޔޮކޮށް ޓިކެޓު ގަނެވޭނީ މިއަދުން ފެށިގެން މިހަފްތާގެ ބުރާސްފަތި (2016 ޑިސެމްބަރު 22) ދުވަހާ ހަމައަށް ކަމަށެވެ.

އެހެން ނަމަވެސް، މި މުއްދަތުގައި ނަގާ ޓިކެޓުން 2017 ޑިސެމްބަރު 23 އިން ފެށިގެން 2017 ޖެނުއަރީ 31 އާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމާ ކޮލޮމްބޯއާ ދެމެދު ދަތުރު ކުރާނީ ހަފްތާގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ސްރީލަންކަން އެއާލައިންސް ކޮލޮމްބޯއާއި އައްޑޫ ސިޓީ ގުޅުވާލުމަކީ، އައްޑޫ ސިޓީ އާއި ދެކުނުގެ ރައްޔިތުން ބޭރު ގައުމުތަކަށް ފުރުމަށް މާލެއަށް ދާން ޖެހޭ ޖެހުމަށް ނިމުމަށް ގެނުވާނެ ކަމެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ މައި ޓްރާންސިޓް ޕޮއިންޓަކީ ކޮލޮމްބޯ އެވެ. މީގެ އިތުރުން، ސްރީލަންކަން އެއަލައިންސަކީ ދުނިޔޭގެ 47 ގައުމެއްގެ 102 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ.

މީގެ އިތުރުން ސްރީލަންކަން އެއާލައިންސްއަށް ވޯލްޑް ޓްރެވަލް އެވޯޑްސް 2016 ގައި، އިންޑިއާގެ ކަނޑުގެ ލީޑިންގް އެއާލައިންގެ އެވޯޑުވެސް ވަނީ ލިބިފައެވެ.