ހއ. ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ޝަކުވާ އެ ރަށުގެ ކައުންސިލަށް ހުށަހަޅައިފި ކަމަށް ބުނެ ސަން އިން ފަތުރާފައިވާ ހަބަރަކީ އެ މައުލޫމާތު ދިން ގޮތާ ހިލާފަށް ފަތުރާފައިވާ ހަބަރެއް ކަމަށް ބުނެ ފިއްލަދޫ ކައުންސިލުން ތިން ދުވަސް ފަހުން ބަޔާނެއް އާންމުކޮށްފި އެވެ.

ފިއްލަދޫގައި ދަނޑުވެރިޔަކު ގެންގުޅު ބަކަރިތަކާ އެކު ބަޔަކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ކައުންސިލަށް ހުށަހެޅުނު ކަމަށް ބުނެ ސަން އިން އެ ހަބަރު އާންމުކުރީ، ދަނޑުވެރިޔާއާ ވާހަކަ ދެއްކުމަށް ފަހު އަދި ކައުންސިލްގެ ރައީސް އަހުމަދު ވިޖާން އަރިހުން މައުލޫމާތު ސާފުކުރުމަށް ފަހު އެވެ.

ނަމަވެސް އެ ހަބަރު ނޫހުގައި ޖެހިތާ ތިން ދުވަސް ފަހުން ފިއްލަދޫ ރަށު ކައުންސިލްގެ ރައީސް ވިޖާން ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަބަރު ނޫހުގައި ޖަހާފައި ވަނީ "އެ މައުލޫމާތު ދިންގޮތާ ހިލާފަށް" ކަމަށެވެ.

ފިއްލަދޫގައި ބަކަރިތަކާ އެކު ބަޔަކު ޖިންސީ ގުޅުން ހިންގި ކަމަށް މީޑިޔާގައި ރިޕޯޓް ކުރުމާ އެކު އެ ބަކަރިތައް ބަޔަކު ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފަ އެވެ.
މީޑިޔާގެ ރިޕޯޓްތަކާ ގުޅިގެން ފިއްލަދޫ ކައުންސިލުން ކުރިން ނެރުނު ބަޔާނުގައި ބުނަނީ ބަކަރިތައް މަރާލީ ދަނޑުވެރިޔާ ދޮގުހެދުމުން ކަމަށެވެ.

އެ ހަބަރު މީޑިޔާގައި ފެތުރިތާ ތިން ދުވަސް ފަހުން ކައުންސިލްގެ ރައީސް ވިޖާން ސޮއިކުރައްވައި ބަޔާން ނެރުނު އިރު ވިޖާން މީޑިޔާ އަށް މައުލޫމާތު ދިން ގޮތުން ރަށުގެ ނަމަށް ހުތުރުކަން ލިބޭ ކަމަށް ބުނެ ވިޖާންގެ މައްޗަށް ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފެންމަތިކޮށްފަ އެވެ.