19 Dec 2016, 14:54
ނުވިކި ހަލާކުވާ މިރުސް ހެޔޮގޮތުގައި ބޭނުން ކުރުމަށް، މުގުރި މިރުސް ތައްޔާރު ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ލ. އިސްދޫގައި ފަށައިފި އެވެ.
އިސްދޫ ކައުންސިލާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ދެ އަހަރު ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިކިމިރުސް އުފެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގާފައެވެ. އަދި އެ މަޝްރޫއުގެ ދެވަނަ ބުރު މިމަހުގެ ފަހުކޮޅު ހިންގުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގައި ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ މިރުސް މުގުރައި ބަންދު ކުރާނެ ގޮތް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.
"ކޮންމެ ދަނޑުވެރި ރަށަކުން އުފެއްދުމެއް" ސިޔާސަތުގެ ދަށުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއަކީ، ރަށުގައި ހައްދާ މިރުހުގެ ތެރެއިން ނުވިކި އުކާލެވޭ ބައި ހެޔޮގޮތުގައި ބޭނުން ކޮށްގެން މާކެޓް ކުރެވޭނެ އުފެއްދުމެއް ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ބުރުގައި މިރުސް ހިއްކުމަށްޓަކައި މިރުސްތައް ތައްޔާރުކުރާނެގޮތާއި، މިރުސް ހިއްކާ ސައިޓް ތައްޔާރުކުރާނެ ގޮތާއި، މިރުސް ހިއްކާނެގޮތުގެ މައުލޫމާތުުގެ އިތުރުން ދަނޑުވެރިކަމުގައި ރިކޯޑްސް ބެލެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް މައުލޫމާތު ދީފައިވެ އެވެ.
އެ މަޝްރޫއުގެ ދަށުން މިރުސް ހިއްކުމަށް ހަމަޖެހިފައިވަނީ ކަރަންޓު ބޭނުން ނުކޮށް އިރުގެ ހޫނު ބޭނުން ކޮށްގެންނެވެ. އެގްރިކަލްޗާ މިނިސްޓްރީން ވަނީ މިރުސް އަވިން ހިއްކާ ސިސްޓަމެއް ތައްޔާރުކޮށްދީފައެވެ. އަދި އޭގެ އިތުރުން މިރުސް މުގުރުމަށް ބޭނުންކުރާނެ މެޝިނަކާއި، އަދި ފަށައިގަތުމަށްޓަކައި މަސައްކަތަށް ބޭނުންވާނެ އެހެނިހެން ތަކެތި ވަނީ އެ މިނިސްޓްރީން ފޯރުކޮށްދީފައެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހައްދުންމަތިން އެކަނިވެސް 3.9 މިލިއަން ރުފިޔާގެ މިރުހުގެ ވިޔަފާރި މާލޭ މާރުކޭޓުގައި ކޮށްފައިވެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސަންޓު ހިއްސާ ކުރަނީ އިސްދޫއިން ގެންނަ މިރުހެވެ.