މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ކަމަށް އަބްދުލް މުއީދު ހަސަން އަދި ނައިބު ރައީސް ކަމަށް އަހުމަދު އަބީރު ހޮވައިފިއެވެ.

، ޑިސެމްބަރު 12 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު، އެ ކައުންސިލަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމަށް، މެންބަރުންގެ މެދުގައި މިއަދު ބޭއްވި އިންތިޚާބުގައި ރައީސްކަމުގެ މަގާމަށް ދެ ބޭފުޅެއްގެ ނަން ހުށަހެޅި ތާއީދު ލިބުނެވެ. އެއީ އަބްދުލް މުއީދު ހަސަން އާއި އަހުމަދު އަބީރުގެ ނަމެވެ. ނަމަވެސް އަބީރު ވަނީ އޭނާގެ ނަން ގެންދަވާފައެވެ. އެހެންކަމުން ރައީސްގެ މަގާމް ހޮވުމަށް ނެގި ފެންނަ ނުފެންނަ ސިއްރު ވޯޓުގައި ބައިވެރިވި 15 މެންބަރުންގެ ތެރޭން 13 މެންބަރަކު މުއީދު ރައީސަކަށް ހޮވުމަށް ފެންނަކަމަށް، ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓުދެއްވިއެވެ.

ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރުމަށް ހުށަޙެޅުނު ދެ ނަމަކީ، އަބީރުގެ އިތުރުން، ސަން މީޑިއާގެ ޑެޕިއުޓީ އެޑިޓަރު އަހްމަދު މުޖްތަބާގެ ނަމެވެ. އެގޮތުން 15 މެންބަރުންގެ މެދުގައި ނެގި ވޯޓުން އަބީރަށް 9 ވޯޓު ލިބިވަޑައިގެންނެވި އިރު މުޖްތަބާއަށް ލިބިވަޑައިގެންނެވީ 6 ވޯޓެވެ.

އެމްއެމްސީގެ ހަތަރު ވަނަ ދައުރުގެ މެންބަރުކަމަށް އިންތިޚާބު ވެފައި ވަނީ:

މީޑިއާތަކުގެ ތެރެއިން

  • އަބްދުލް މުއީދު ހަސަން- ބަހުރު މަޖައްލާ
  • އަހްމަދު ރިފާއު - ވީ މީޑިއާ
  • އަހްމަދު މުޖުތަބާ - ސަން މީޑިއާ
  • ފަޔާޒް ޔޫސުފް - ޕީއެސްއެމް
  • މިސްބާހް އައްބާސް - ވީއެފްޕީ
  • ޙަސަން ޝާކިރު މުހައްމަދު - އަސްދަނޑި މަޖައްލާ
  • މުހައްމަދު ހަމްދޫން - މިހާރު

އަމިއްލަ ކެނޑިޑޭޓުން:

  • އަހްމަދު އަބީރު އިސްމާއިލް
  • ޝައުފާ ހުސައިން
  • މުޙައްމަދު އާޒިމް އަބްދުލްހާދީ
  • އަންވަރު އިބްރާހީމް
  • އަސްއަދު ޝަރީފް
  • މަރިޔަމް ހަލީލް