19 Dec 2016, 12:22
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ސިއްރު ކޮށްފި އެވެ.
ވިސާމާއި ލީވާނަށް ހުކުމް އިއްވަން ބާއްވާ އަޑުއެހުން އޮންނާނީ މިއަދު 2:00 ގައި އެވެ.
ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރުގެ ފޯނު ނިއްވާލާފައި ވާތީ އެކަމާ ބެހޭ ގޮތުން އެ ކޯޓުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ބައްލަވާ އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ބާއްވާފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. ނަމަވެސް ހުކުމް އިއްވާ އަޑުއެހުން ކުއްލިއަކަށް ސިއްރު ކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
އަޑުއެހުން ކުލި ގޮތަކަށް ސިއްރު ކުރީ ހުކުމް އިއްވުމުގެ އަޑުއެހުމަށް ވަނުމަށްޓައި ގިނަ ބަޔަކާއި ނޫސްވެރިން ނަންނޯޓު ކޮށްފައި ވަނިކޮށެވެ.
މިއަދު ހުކުމް އިއްވާ މައްސަލައަކީ ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އެވެ.
ވިސާމް އާއި ލީވާންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ 7:45 އެހައިކަންހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ކައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ވިސާމް ފަހަތުން ބައްދާލުމަށް ފަހު ފަހަތަށް ދަމައިގެންފައިވާ ކަމަށެވެ.
އަދި ފުލުހުން ހައްޔަރުކުރަން އުޅުނު މީހާގެ ގައިން ކޯޕްރަލް ޝާހީންގެ އަތް ލީވާން ނައްޓާލާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.