ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރިން ހުކުމް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ނަގަން ޕާޓީތަކުން ލަފާދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ޕާޓީތަކުން އިއްތިފާގުވެފައި ވަނީ ހައި ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަ ނެގުމަށް ކަމަށް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި އެވެ. އޭގެ ތޭރޭގައި ހިމެނެނީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަނުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ލަފާދޭ ކޮމެޓީގެ މަޝްވަރާތަކާ އެއްގޮތަށް ކަމަށާއި މިއަދު ހުށަހެޅި ހުށަހެޅުންތަކާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ޕާޓީތަކުން މިއަދުގެ ބައްދަލުވުމުގައި އެދިވަޑައިގަތީ އެ މައްސަލަ އަނބުރާ ނެގުމަށް ފަހު އިންތިހާބު ދެން ބާއްވާނެ ދުވަހަކާއި ތާރީހެއް އަލުން އިއުލާނުކުރުމަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ޕީޕީއެމުން އެ އިންތިހާބު ފަސްކޮށްދޭން އެދި ދައުވާ ކުރުމުންނެވެ.

އެމައްސަލަ އިލެކްޝަނުން ހައިކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކޮށްފި ނަމަ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ލިބި އިންތިހާބަށް ކޮށްފައިވާ ހަރަދުތައް ބޭއްކާރުވެގެން ދާނެ ކަމަށް ބުނެ އެވެ.