މިއަހަރުގެ ޑިސެމްބަރު 29 ވާ ބުރާސްފަތި ދުވަހު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޭ ބޭންކިންގް ޚިދުމަތްތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއެމް އޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްއެމްއޭގެ ޚިދުމަތްތައް މި އަހަރު ދޭނެ އެންމެ ފަހު ދުވަހަކީ 28 ޑިސެމްބަރު ކަމަށާއި، 29 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހަކީ އެމްއެމްއޭގެ ޚިދުމަތްތައް ބަންދުވާނެ ދުވަހެއް ކަމަށެވެ.

އެމްއެމްއޭ މި މަހު 29ގައި ބަންދުކުރާ އިރު، ބޭންކްތަކާއި ފައިނޭޝަނަލް އިންސިޓިއުޝަންތައް ވެސް ބަންދުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ޑޮލަރު ވިއްކުމުގެ ކަންކަން ކުރިޔަށް ގެންދަނީ އެމްއެމްއޭއިންނެވެ.

އެމްއެމްއޭ އިން ބުނީ، 29 ޑިސެމްބަރު ވާ ބުރާށްފަތި ދުވަހަކީ އެމްއެމްއޭގެ ބޭންކިންގް ޚިދުމަތްތައް ބަންދު ދުވަހެއް ކަމުން، ދަތުރުވެރިންނަށް ޑޮލަރު ވިއްކުން ވެސް އެދުވަހު ކުރިޔަށް ނުދާނެ ކަމަށެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ޑޮލަރު ވިއްކުމުގެ ކަންކަމާ އެމްއެމްއޭ އިން ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

މި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް، ބޭރަށް ފުރާ ދިވެހީންނަށް ޑޮލަރު ވިއްކާނީ އެމްއެމްއޭއިންނެވެ. އަދި އެ ދުވަހަށް ފަހު ޑޮލަރު ވިއްކުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެއާޕޯޓުންނެވެ.