19 Dec 2016, 11:32
މޮސްކޯ (ޑިސެމްބަރު 19): ތިރީސް ނުވަ މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް ރަޝިއާގެ ޑިފެންސް މިނިސްޓްރީއަށް ނިސްބަތްވާ އައިއެލް-18 މަރުކާގެ މަތިންބޯޓު ސައިބީރިއާއަށް ވެއްޓިއްޖެ އެވެ.
ރަޝިއާގެ އިރުމައްޗަށް އެބޯޓު ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި 39 މީހުން ވެސް ސަލާމަތްވެފައިވާ އިރު 16 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
"އެހާދިސާގައި ހުރިހާ ފަސިންޖަރުންނާއި ކުރޫއިން ސަލާމަތްވެފައިވޭ. ސޯޅަ މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވޭ. ސާޗް އެންޑް ރެސްކިއު ހެލިކަޕްޓަރުން ދަނީ އެމީހުން އެސަރަަހައްދު ކައިރީ ހުންނަ ހޮސްޕިޓަލްތަކަށް ގެންގޮސްފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ބޯޓު ވެއްޓުނު ސަރަހައްދަކީ މޫސުން ގޯސް ސަރަހައްދެކެވެ. އަދި އެމާޖެންސީކޮށް ބޯޓު ޖައްސަން ޖެހުމުގެ ސަބަބުން ބޯޓު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)