ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓަށް ބަލައިލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގޮސްފައި ވަނީ ބްރެޒިލް ފޯވާޑް ނޭމާ ގެންދަން ގިނަ ކްލަބްތަކަކުން މަސައްކަތްކުރަމުންދާ ހަބަރަށެވެ. އެގޮތުން ހުނަރުވެރި ފޯވާޑް ނޭމާ ގެންދިއުމަށް ޗެލްސީ މަސައްކަތް ކުރަމުން އަންނައިރު ނޭމާ ހޯދަން ސްޕެއިން ރެއާލް މެޑްރިޑުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ޗެލްސީއާއި ރެއާލް އަށް ވެސް މިހާތަނަށް ވަނީ އެއްބަސްވުމަކާއި ހަމައަށް އާދެވޭގޮތް ނުވެފަ އެވެ.

ޓްރާންސްފާ ހަބަރުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ ޓޮޓެންހަމް ހޮޓްސްޕާގެ މެދުތެރެއަށް ކުޅޭ ޗެކް ރިޕަބްލިކްގް ޕްލޭމޭކާ މޮޑްރިޗް ގެންދަން ގިނަ ކްލަބްތަކަކުން ކުރަމުންދާ މަސައްކަތަށެވެ. ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކުން ހުނަރުވެރި މިކުޅިންތެރިޔާއަށް ފާރަލަމުން އަންނައިރު ޓޮޓެންހަމްގެ މެނޭޖްމަންޓުން ހާއްސަކޮށް ކޯޗް ރެޑްނެޕް ވަނީ މޮޑްރިޗް އެއީ އެއްވެސް އަގެއްގައި ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ. އެހެންނަމަވެސް ޗެލްސީއަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް މޮޑްރިޗް ވަނީ ދީފަ އެވެ.

ޗިލީގެ ހުނަރުވެރި ފޯވާޑް ސަންޗޭޒް ގެންދިއުމަށް ރެއާލް މެޑްރިޑް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، އަދި ވާދަވެރި ސިޓީ އާއި އިޓަލީގެ އިންޓަ މިލާނާއި ސްޕެއިންގެ ބާސެލޯނާ ފަދަ ޓީމުތަކުން މަސައްކަތްކުރަމުންދާއިރު އެކި ޓީމުތަކުން ސަންޗޭޒްއަށް ހުށަހަޅަމުންދާ އަގުވެސް އަންނަނީ ބަދަލު ކުރަމުންނެވެ. ސަންޗޭޒް ބަދަލުވުން އެންމެ ގާތީ މެންޗެސްޓާ ސިޓީކަމަށް އޭނާ މިހާރު ކުޅެމުންދާ ކްލަބް، ޔުޑިނީސްއިން ބުނިނަމަވެސް ގިނަ ރިޕޯޓްތައް ބުނަނީ ފުރުސަތު ބޮޑީ ބާސެލޯނާ ނޫނީ އިންޓަ މިލާނަށް ކަމަށެވެ.

ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު އިންޓާ މިލާންއަށް ބަދަލުވި ކާމިޔާބީ ފޯވާޑް ސަމުއެލް އެޓޫ މެންޗެސްޓާ ސިޓީއަށް ގެންދަން ވާހަކަ ދެކެވެމުންދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކެމަރޫން ކެޕްޓަން އެންމެފަހުން ބާސެލޯނާއިން އިންޓަރމިލާންއަށް ދޫކޮށްފައިވަނީ ޒްލަޓަން އިބްރަހިމޮވިޗް އިންޓަ މިލާންއިން ހޯދުމަށްފަހުއެވެ. މިފަހަރު އިންޓަ މިލާންއިން މެންޗެސްޓާ ސިޓީއަށް އެޓޫ ދޫކޮށްލަނީ އިންޓާމިލާނަށް ސިޓީގެ ކެޕްޓަން ކާލޮސް ޓެވޭޒް ދިނުމަށް ފަހު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެޓޫވަނީ މިދިޔަ ސީޒަންގައި އިންޓަރމިލާން 37 ލަނޑު ކާމިޔާބުކޮށްދީ ފައެވެ. އިނގިރޭސި ޓީމަކަށް ކުޅެ ކެރިއަރު ނިންމާލަން ބޭނުންވާކަމަށް އެޓޫވެސް ވަނީ ބުނެފަ އެވެ.