ސްރީލަންކަން އެއާލައިންގެ ފްލައިޓަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އަންހެނަކާއި ފިރިހެނަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެމައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ޏ.ފުވައްމުލައް، މޯޝަން، ހަދީޖާ އަހުމަދާއި، ސ. ހިތަދޫ، ދެކުލައަރާގެ އަބްދުއްލަތީފް އެވެ.

ދައުލަތުން އެމީހުންގެ މައްޗަށް މަސްތުވާތެކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ 2013 މޭ މަހުގެ ތެރޭގައި އެ ދެމީހުން ލަންކާއިން މާލެއައި އިރު އެމީހުންގެ ލަގެޖުގައި އޮތް ދެ ދަޅުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ. އެމީހުން އެތެރެކުރި ދެ ދަޅުގައި ވެސް ޑައިމޯފިން ހުރިކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އެމައްސަލަ ނިންމައި އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ހަދީޖާ އަދި އަބްދުއްލަތީފް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެދެމީހުން އުމުރަށް ޖަލަށްލުމާ އެކު، ކޮންމެ މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް މަސް ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.