19 Dec 2016, 10:50
މިމަހު ފަހުކޮޅު ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ފެށުމަށް ހަމަޖެހިފައިވާ އޭވީސީ ސެންޓްރަލް ޒޯނުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމް އެގައުމަށް ދިއުމަށް ފުރައިފިއެވެ.
މިއަދު ހެނދުނު ވޮލީ ޓީމް ބަންގާޅަށް ދިއުމަށް ފުރާފައުވާއިރު، އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމް ވަނީ ލަންކާގައި ތަމްރީން ކޭމްޕެއް ފުރިހަމަކޮށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ވެސް ކުޅެފައެވެ.
ލަންކާގެ ތަޖުރިބާކާރު ކޯޗު ސިސިރާ ކުމާރުގެ އިރުޝާދުގެ ދަށުން ސެންޓްރަލް ޒޯނު މުބާރާތަށް ތައްޔާރުވި ގައުމީ ވޯލީ ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިތުބާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އެވެ.
ބަޓިސްގެ އިތުރުން ދެން ޓީމްގައި ހިމެނެނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ހަސަން ނިލާމް އާއި މުހައްމަދު ޝާއިން އާއި އަލީ އާމިރު އާއި އަހުމަދު އަނިލް ނަސީރު އާއި އާދަމް ފައިރޫޒް އާއި އަހުސަން އާއި ހުސެއިން ވިޝާމްގެ އިތުރުން އިޝާން މުހައްމަދު (ބަޓިސް) އެވެ.
މީގެ އިތުރުން މިފަހަރު މުޅިން އަލަށް ޓީމަށް ވަނީ ޒުވާން ދެ ކުޅުންތެރިޔަކު ވެސް ނަގާފައެވެ. އެއީީ ޖަވާމް އަލީ އާއި މުހައްމަދު މިމްރާހު އެވެ.
މިދިޔަ އަހަރު ބޭއްވި ސެންޓަރަލް ޒޯން މުބާރާތުގެ ފައިނަލުގައި ކުޅުނު ރާއްޖޭގެ މިފަހަރުގެ އަމާޒަކީ ވެސް ޗެމްޕިއަންކަން ހޯދުމެވެ.