19 Dec 2016, 10:08
ކައިރޯ (19 ޑިސެމްބަރު)-- މަގާމުން ދުރުކޮށްފައިވާ ޔަމުނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހު ސިއްރިޔާތުގައި މިސުރަށް ވަޑަޢިގެން މިސުރުގެ އޮފިޝަލުންނާ ބައްދަލު ކުރައްވައި މަދުވެގެން އެއް ދުވަސް ހޭދަ ކުރައްވައިފި ކަމަށް އަލްއަރަބިއްޔާ އަލް ޖަދީދުން ރިޕޯޓްކޮށްފި އެވެ.
މިސުރުގެ ޑިޕޮލޮމެޓިކް ފަރާތްތަކާ ހަވާލާދީ އެ ނޫހުން އިއްޔެ ރިޕޯޓް ކުރި ގޮތުގައި ސާލިހުގެ ދަތުރުގައި ވަނީ މިސުރުގެ ރަސްމީ ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ މައުލޫމާތުތައް ވަނީ ސިއްރުކޮށްފަ އެވެ. އެއީ މި ދުވަސްވަރަކީ މިސުރާއި ސައުދީ އެރެބިޔާގެެ ގުޅުންތައް ގޯސް ދުވަސްވަރަކަށް ވާތީ އެވެ.
ޑިޕޮލަމެޓިކް ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނީ، ސާލިހުގެ ދަތުރުފުޅުގައި ޔަމަނުގެ ހަމަނުޖެހުންތަކާ އަދި ހުރިހާ ފަރާތްތަކުން އެއްބަސްވެގެން ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިހާރެކޭ އެއްގޮތަށް، ސައުދީ އިން ތާއީދު ކުރާ މުސްލިމް ބްރަދާހުޑްގެ ވިންގަށް، މިސުރުން ތާއީދު ނުކޮށް ދެމި ތިބުމަށް ވެސް ސާލިހު މިސުރުގެ ކިބައިން އެދިވަޑައިގަތް ކަމަށެވެ.
ސާލިހު ބައްދަލު ކުރެއްވީ މިސުރުގެ ކިހާވަރެއްގެ އިސް އޮފިޝަލުންނަކާ ކަމެއް، އަދި އެއީ ކޮން ބައެއް ކަމެއް މަސްދަރަކުން ހާމައެއް ނުކުރެ އެވެ.
ޔަމަނުގެ ބްރިގޭޑިއާ ޖެނެރަލް މުރާދު އަލް އޮބާލީ ވަނީ އޭނާގެ ފޭސް ބްކް އެކައުންޓްގައި ސޯލިހު މިސުރަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ކޮމެންޓް ކުރައްވައިފަ އެވެ. ސޯލިހާ ގާތް ގުޅުމެއް އޮންނަ ޖެނެރަލް ވިދާޅުވެފައި ވަނީ އަލީ އަބްދުﷲ ސާލިހު ދާދިފަހުން ގައުމުން ބޭރަށް ދަތުރު ކުރެއްވި ކަމަށާއި އަދި އެނބުރި ވަޑައިގެންފައިވާ ކަމަށެވެ. އެ ދަތުރުފުޅު ސާލިހު ކުރެއްވީ ކޮންތާކަށްތޯ އާއި ބައްދަލު ކުރެއްވީ ކޮން ބަޔަކާތޯ އޭނާއާ ސުވާލު ނުކުރުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
ސާލިހު މިފަދަ ދަތުރެެއް ސިއްރިޔާތުގައި މިސުރަށް މި ކުރެއްވީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އދ. އިން އަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އެފަދަ ފިޔަވަޅެއް އެޅީ ޔަމަނުގެ މައްސަލަ އަށް ހައްލު ހޯދުމަށް ސާލިހު ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.
ކިޔުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯގެ ޖަނާޒާގައި ބައިވެރިވުމަށް ސާލިހު އެދިވަޑައިގަތެވެ. ނަމަވެސް އދ.ގެ ސިކިއުރިޓީ ކައުންސިލުން ވަނީ އޭނާ އަށް އެ ހުއްދަ ނުދީފަ އެވެ.