19 Dec 2016, 09:50
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކްލަބުން މިއަދު ހުޅުވާލައިފިއެވެ.
ނިއުއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކްލަބުގެ ހިންގާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން، އެގްޒެކެޓިވް ކޮމިޓީއަށް ނުވަ މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ކޮންގްރެސް، އަންނަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނިއުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އަންނަ ޖެނުއަރީ މަހުގެ ހަތަރެއް ވާ ބުދަ ދުވަހުގެ ކުރީން ލިޔުމަކުން އެ ކްލަބުގެ އިދާރާއަށް ހުށަހެޅުމަށް އަންގާފައި ވެއެވެ.
ދިވެހި ފުޓްބޯޅައިގައި އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ، ނިއުގެ އެކްސްކޯއަށް މެންބަރުން އިންތިޚާބުކުރަން އިއުލާނުކޮށްފައި މިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިންތިޚާބުކުރި ހިންގާ ކޮމިޓީގެ ނުވަ މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، އަންނަ މަހުބާއްވާ، ނިއުގެ ކޮންގްރެސްގައި އެކްސްކޯއަށް މެންބަރު އިންތިޚާބުކުރުމަށް ފަހު، އެ މެންބަރުންގެ ތެރޭން، ކްލަބުގެ ޗެއާމަނާއި ވަސް ޗެއާމަންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރެވޭނޭ ކަމަށެވެ.
ނިއުގެ ޗެއާމަންކަމުގައި އެންމެ ފަހުން ހުންނެވި، ޔާމީން އާދަމާއި ވައިސް ޗެއާމަން އިސްމާއިލް ޒިޔާމް ވެސް އިސްތިއުފާ ދެއްވި ނުވަ މެންބަރުންގެ ތެރޭގައި ހިމެނެއެވެ.