ލިއޮނަލް މެސީގެ މޮޅު ކުޅުމާއެކު 4-1ގެ ނަތީޖާ އަކުން އެސްޕަންޔޯލް ބަލިކޮށް ސްޕެނިޝް ލީގްގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

ރޭގެ މެޗަށް ބާސެލޯނާ ނިކުތްއިރު ތާވަލުގެ ދެވަނައިގައި އޮތީ ސެވިއްޔާއެވެ. ނަމަވެސް ބާސާ ރޭ މޮޅުވުމުން، ކުޅުނު 16 މެޗުން 33 ޕޮއިންޓާއި އެކުއޮތް ސެވިއްޔާ ވަނީ ތިން ވަނައަށް ވެއްޓިފައެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 34 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 15 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މެޗުގެ 18 ވަނަ މިނެޓްގައި އަންދުރޭ އިނިއެސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިސް ސުއަރޭޒް ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. ދެވަނަ ހާފްގައި ބާސެލޯނާގެ ދެވަނަ ގޯލު ސުއަރޭޒް ކާމިޔާބް ކުރީ އެސްޕަންޔޯލްގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މެސީ ފޮނުވާލި ބޯޅަ ކީޕަރު އަތުގަޖެހި ނިކުތުމުން ގޯލުގެ ތެރެއަށް އަކުން ބޯޅަ ފޮނުވާލައިގެންނެވެ.

ބާސެލޯނާގެ ތިން ވަނަ ގޯލު ޖޯޑީ އަލްބާ ވެސް އެ ގޯލް ކާމިޔާބު ކުރީ މެސީގެ އެހީތެރިކަމަކާ އެކުއެވެ. އެސްޕަންޔޯލްގެ ޑީ އޭރިއާ ތެރެއިން ހަތަރު ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މެސީގެ އަތުން ގެއްލުނު ބޯޅަ ޖޯޑީ އަލްބާ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.

ބާސެލޯނާގެ ފަހު ގޯލު ކާމިޔާބްކޮށްދިނީ މެސީއެވެ. އޭނާ އެގޯލު ކާމިޔާބްކުރީ ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އެސްޕަންޔޯލަށް ސުން ކަނޑުވާލަދިން ގޯލު ކާމިޔާބްކޮށްދިނީ ޑިއެގޯ ލޮޕޭޒްއެވެ.